ރައްޔިތުންގެ މަޖިލިސް

ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސެސްކޮށް އަށް މެގަވޯޓުގެ ކަރަންޓް އުފެއްދޭ ޕްލާންޓެއް ތިލަފުށީގައި ގާއިމްކުރަނީ

އިބްރާހިމް ޒަކީ

ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސެސްކޮށް އަށް މެގަވޯޓުގެ ކަރަންޓް އުފެއްދޭ، ވޭސްޓް އެނަޖީ ޕްލާންޓެއް ތިލަފުށީގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑޮކްޓަރު ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ތިލަފުށީ ކުނިގޮނޑުގެ މައްސަލަ އާއި ސަރުކާރުގެ ކުނި ނައްތާލާ ނިޒާމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، ތިލަފުއްޓަށް ކުނި ޖަމާކުރަން ފަށާފަި ވަނީ، 1997 ވަނަ އަހަރުން ފެށިގެން ކަމަށާއި، އެތަނުގައި ކުނި އެންދުމުގެ ސަބަބުން ދުން އަރައި މެއްސާއި އެނޫންވެސް ތަކެތީގެ އުނދަގޫ ބޮޑުވެފައިވާކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުނިގެންދާ ތިލަފުށްޓަށް ކުނި ގިނަވެ، އެސަރަހައްދުގެ ތިމާވެށްޓަށްވެސް އަންނަނީ ނޭދެވޭ އަސަރުކުރަމުންކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިހާތަނަށް އެކަމަށް ހައްލެއް ލިބިފައި ނުވަނީ މީގެ ކުރިން އެކަން ހައްލުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވުމުގެ ސަބަބުންކަމަށެވެ. އެހެންކަމުން މެހި އާލާވެ ދުން އެރުމުގެ މައްސަލަ ހައްލުކުރުމަކީ ނިސްބަތުން ބޮޑު، އަދި ހަރަދުވެސް ބޮޑު މަސައްކަތެއްކަމަށާއި، ތިލަފުށީ ކުނިގޮނޑަކީ އޭގެ އަމިއްލަ ޒާތުގައިވެސް ހުޅު ރޯވެ، އަނދަމުންދާ ތަނަކަށްވާތީ އެކަމަށް ހާއްސަ މެޝިނަރީ ނެތި، އެކަން ހައްލު ނުވާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވި އެތަނުގެ ހާލަތު މިހާރު އޮތްގޮތުން ފެން އަޅަގައިގެން އަލިފާން ނިއްވުމަކީ ނުރައްކާ ބޮޑު ކަމެއްކަަމަށާއި، އެ މައްސަލައަށް ހައްލެއް ގެނެވިފައިނުވަނީ އެކަން ކުރުމަށް މިދިޔަ އަހަރު ގެނައުމަށް މަސައްކަތްކުރި މެޝިނާރީތަކާއި އާލާތްތައް ކޯވިޑްގެ ސަބަބުން ނުގެނެވުމުގެ ސަބަބުންކަމަށެވެ. ނަމަވެސް މިހާރު އޭގެތެރެއިން ގިނަ މެޝިންތައް ރާއްޖެ ގެނެވިފައިވާކަމަށާއި، ބާކީ ހުރި ތަކެތި މެއި މަހުގެ ނިޔަލަށް ރާއްޖެ ގެނެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވީ މެޝިނަރީތައް ރާއްޖެ ގެނެވި މަސައްކަތް ފެށުމުން މިއަހަރުގެ ނިޔަލަށް ތިލަފުށިން ދުން އަރާ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށެވެ. ތިލަފުށީގައި ކުނި ގިނަވެ ނައްތާނުލެވިފައިވާ މައްސަލައަށް އިޝާރާތްކުރައްވާ މިނިސްޓަރ ވިދާޅުވީ، އެ މައްސަލައަށްވެސް 2023ގެ ނިޔަލަށް ހައްލެއް ލިބިގެންދާނެކަމަށެވެ.