ޚަބަރު

ބާރަށުން އިތުރު ހަތަރު މީހަކު ޕޮޒިޓިވްވެއްޖެ

ހއ. ބާރަށުން އިތުރު ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

އެރަށު ހޯމް ކަރަންޓީނުގައި ތިބި ނުވަ މީހަކު އިއްޔެ ވަނީ ޕޮޒިޓިވްވެފައެވެ. އަދި އެމީހުންނާ އިތުރު ބަޔަކު ކޮންޓެކްޓު ވެފައިވާތީ، އެރަށް ވަނީ މޮނީޓަރިންގެ ހަލާތަށް ގެނެސްފައެވެ.

ބާރަށު ކައުންސިލުގެ ރައީސް އަލީ ޝަމީމު މިރޭ "ވަން" އަށް ވިދާޅުވީ މިއަދު އެރަށުން އިތުރު ހަތަރު މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އެ ހަތަރު މީހުންނަކީ ވެސް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުން ކަމަށެވެ. އަދި އެ މީހުންނަކީ ކަރަންޓީނުގައި ތިބި ބައެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

މި ކޭސްތަކާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13 އަށް އަރައިފައެވެ.

ޝަމީމު ވިދާޅުވީ މިއަދު ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އަދި ހޯމް ކަރަންޓީނުގައި ތިބި މީހުން، އެހެން މީހުންނާ ބައްދަލުވެފައިވާ މައްސަލަ ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.