ބްރޮޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އަށް މެމްބަރަކު އައްޔަނު ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ރެކޮމެންޑު ކުރި ގޮތާ ހިލާފަށް މަޖިލީހުގައި ވޯޓަށް އެހި ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ތުހުމަތުކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އެ މަގާމަށް އައްޔަން ކުރުމަށް ފާސްކޮށްފައިވަނީ ރާއްޖެޓީވީގެ ޕްރެޒެންޓަރު، ބ. ތުޅާދޫ/ ހޭޒްލީން، މުހައްމަދު ފަޒީން އެވެ. ބްރޯޑްކޮމް އަށް ފަޒީން އައްޔަންކުރަން ފާސްކުރީ ޖަލްސާގައި ތިއްބެވި 57 މެންބަރުންގެ ތެރެއިން 55 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ފުރަތަމަ ވޯޓަށް އެހި ނަން ފާސްވުމުން ދެވަނައަށް އިން ޝިފްޒާ މުސްތަފާގެ ނަމަށް ވޯޓަށް އަހާފައެއް ނުވެއެވެ.

އެ ވޯޓު ނެގުމުގެ ކުރިން އަނދުން ހުސައިން ވިދާޅުވީ، ކޮމެޓީން އެތައް ވަގުތަކާއި އެތައް ބުރަ މަސައްކަތެއް ކޮށްގެން ރިޕޯޓެއް އެކުލަވާލީމައި އެއަށް ބެލުމެއް ނެތި 'ގާތް' މީހާއަށް އިސްކަންދީގެން ވޯޓު ދިނުމުން ކޮމެޓީތަކުގެ ބޭނުން ކެނޑުނީ ކަމަށެވެ.

"މިނިވަން މުއައްސަސާތަކަށް ލާންޖެހޭ ބޭފުޅުންނާއި ކަންކަން ނިންމަވާނީ މިނިވަން މުއައްސަސާ ކޮމެޓީގެ މެންބަރުން ފޮނުވާ ރިޕޯޓާ އެއްގޮތަށް ވޯޓު ދެއްވައިގެން...އެހެން ނޫނީ އެންމެ އާއިލާ ބޮޑު މީހުން ތަންތަނަށް ލާ ގޮތަށް ގަވާއިދު ބަދަލުކޮށްލީމަ އެ ނިމުނީ،" އަނދުން ހުސައިން ވިދާޅުވި އެވެ.

- މުހައްމަދު ފަޒީން/ ހޭޒްލީން ބ.ތުޅާދޫ

- ޝިފްޒާ މުސްތަފާ/ މާދަނޑު އާސާން ޏ.ފޯއްމުލަށް

- ޝިފާ ތައުފީގު/ ހ. ހާޖަރާގެ

- އަލީ މުހައްމަދު މަނިކު/ ދަފްތަރު ނަމްބަރު ރސ. 1851

- އަހުމަދު މޫސާ/ ހ. އަމްސާވިލާ

- ޒުބެއިރު އަހުމަދު މަނިކު/ ގ. މަލްވިނަ

- ހަސަން ރަޝީދު ފްލާވާގެ/ ސ. މަރަދޫ

- އާއިޝަތު ހުސެއިން މަނިކު/ ހ. ރީނދޫ ކޮކާގެ

- މުހައްމަދު ޝާމިހު/ އިރުދޭމާގެ ގދ. ގައްދޫ

- ހުސެއިން އަމްރު/ ވ. ރޯޝަން

- އިމްރާނާ ބިންދު/ އަބުދުﷲ މ. ކަރޭޖް

ކޮމެޓީ މަރުހަލާގައި އަހުމަދު މޫސާ އާއި ހުސައިން އަމްރު ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.

ކޮމެޓީ ރިޕޯޓު މިއަދުގެ މަޖިލީހަށް ހުށަހެޅުއްވީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރު އަދި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ. އެ ރިޕޯޓް ހުށަހަޅުއްވަމުން ރޮޒައިނާ ވިދާޅުވެފައިވަނީ ނަންތައް މަޖިލީހަށް ހުށަހަޅާފައިވާނީ ރައީސް އިސްކަން ދީފައި ހުންނެވި ތަރުތީބުން ކަމަށެވެ. އަދި ކޮމެޓީ ރިޕޯޓު ވެސް އެކުލަވާލާފައިއޮތީ އެގޮތަށެވެ.

"މިއަދުގެ އޮތް ވޯޓުގައި އަޅުގަނޑުގެ ހިތްހަމަނުޖެހުން އޮތީތީ އެކަން އަޅުގަނޑު ފާހަގަކޮށްލަން. އަޅުގަނޑުމެންގެ ކޮމެޓީން އަޅުގަނޑުމެން ރިކޮމެންޑް ކުރި ގޮތަކަށް ނޫން ތަޅުމަށް ވޯޓަށް އެހިގެން ދާނީއެއް،" އަނދުން ހުސައިން ވިދާޅުވި އެވެ.

އަނދުން ހުސައިން އެހެން ވިދާޅުވެފައިވަނީ ކޮމެޓީން އެންމެ މަތިން މާކުސް ލިބުނު ޝިފްޒާގެ ނަން ދެވަނައަށް އޮތުމުންނެވެ.