ލަންކާގައި ކޮވިޑްޖެހިގެން މަރުވާ މީހުން ވަޅުލުމަށް ވަކި ރަށެއް ހަމަޖައްސައިފިއެވެ.

ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ތެރެއިން ވަޅުލާ މީހުން ވަޅުލުމަށް ހަމަޖެހިފައިވަނީ އެގައުމުގެ ހުޅަނގު އުތުރުގައި ވަކިން އޮންނަ އިރަނައިތިވު އައިލެންޑުގައި ކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

ލަންކާގެ ކެބިނެޓުގެ ތަރުޖަމާނު ކެހެލިޔާ ރަމްބުކްވެއްލާ ވަނީ އެގައުމުގެ ހެލްތު މިނިސްޓްރީގެ ޓެކްނިކަލް ކޮމިޓީން އެރަށުގެ ވަކި ސަރަހައްދެއް ކޮވިޑް ޖެހި މަރުވާ މީހުންނަށް ހަމަޖައްސާފައިވާކަން ހާމަކޮށްފައެވެ.

މިނިސްޓަރު ވިދާޅުވީ އިރަނައިތިވު އައިލެންޑުގައި މީހުން ވަޅުލުމަށް ހާއްސަ ގައިޑްލައިނެއް އެކުލަވާލައި އާންމު ކުރާނެ ކަމަށާއި އެހައި ހިސާބުން ފެށިގެން އެރަށުގައި މީހުން ވަޅުލުން ކުރިޔަށްދާނެކަމަށެވެ.

ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ތެރެއިން މުސްލިމުން އަންދާ މައްސަލައިގައި އެގައުމުގެ ސަރުކާރަށް ފާޑުކިޔުން އަމާޒުވުމާއެކު އެގައުމުން ވަނީ ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ލަންކާގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 12 މީހަކު ކޮވިޑް ޖެހިގެން މަރުވެފައިވާއިރު އެގައުމުގެ ޖުމުލަ އަދަދު ވަނީ 476 އަށް އަރާފައެވެ.