ކޯޓުތަކުގެ މެޖިސްޓްރޭޓުންނަށް މަހަކު 500 ރުފިޔާގެ ފޯނު އެލަވަންސެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސް ދިނުމަށް މަޖިލީހުން ފާސްކުރީ، އެކަމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމުން ކޮމިޓީން ދިރާސާ ކުރުމަށްފަހު، ޖޭއެސްސީން އެދިފައިވާ ގޮތަށް މެޖިސްޓްރޭޓުންނަށް އެލަވަންސް ހަމަޖައްސައިދޭން ފެންނަ ކަމަށް ބުނެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުންނެވެ.

ޖޭއެސްސީން ބުނެފައި ވަނީ، ކޯޓުތަކުގެ ތެރެއިން މަތީ ގިންތީގެ ކޯޓުތައް ކަމަށްވާ ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންނަށާއި ހައިކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 1،000 ރުފިޔާ ދެމުން އަންނައިރު، މެޖިސްޓްރޭޓު ކޯޓުތަކުގައި މަސައްކަތް ކުރައްވާ މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސް ދިނުން މުހިންމު ކަމަށެވެ.

މަޖިލީހުން ކަނޑައަޅަން ޖެހޭ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމިޓީން އަލުން މުރާޖައާ ކޮށްފައިވާއިރު، މެޖިސްޓްރޭޓު ކޯޓުތަކުގެ މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސް ދިނުމަށް ނިންމާފައި ނުވާ ކަމަށްވެސް ޖޭއެސްސީގެ ހުށަހެޅުމުގައި ބުނެފައިވެއެވެ.

މެޖިސްޓްރޭޓުންނަކީ އެ މެޖިސްޓްރޭޓަކު އައްޔަން ކޮށްފައިވާ ކޯޓުގެ އިތުރުން އެ އިދާރާގެ އެހެން ކޯޓުތަކާއި ހަވާލުވެ ތިބެން ޖެހޭ ބައެއް ކަމުގައި ވުމުންނާއި އެ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ބެއްލެވުމުގެ އިތުރުން އިދާރީ މަސައްކަތް ކުރައްވާ ބައެއްކަން ވެސް ޖޭއެސްސީން ފާހަގަ ކޮށްފައިވެއެވެ. އަދި މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސް ދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން މެޖިސްޓްރޭޓުންގެ ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 500 ރުފިޔާ ލިބިދިނުމަށް ޖޭއެސްސީން ކޮމިޓީއަށް ވަނީ ހުށަަހަޅައިފައެވެ.

ޖޭއެސްސީގެ އެ ހުށަހެޅުމާ މެދު ބަހުސް ކުރުމަށްފަހު ޖޭއެސްސީން އެދިފައިވާ ގޮތަށް 500 ރުފިޔާގެ ފޯނު އެލަވަންސް މެޖިސްޓްރޭޓުންނަށް ދިނުމަށް ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާ ގޮތަަށް އެ އެލަވަންސް ދިނުމަށް މަޖިލީހުން ފާސްކުރީ މިއަދުގެ ޖަލްސާގައި ތިއްބެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުން ވޯޓު ދެއްވައިގެންނެވެ.