އާންމު ރައްޔިތުންގެ އުދާސްތަކާއި ކަންބޮޑުވުންތަކާއި ސުވާލުތަކަށް ޖަވާބު ދިނުމަށް "ޖަޒީރާ ސައްލާ" ގެ ދެވަނަ މައުޟޫއަށް ހިޔާލު ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފި އެވެ.
ސަރުކާރުގެ ރަސްމީ ޓުވީޓާ އެކައުންޓުން ކޮށްފައިވާ ޓުވިޓެއްގައި ބުނީ ޖަޒީރާ ސައްލާގެ ދެވަނަ މަޝްވަރާ ބައްދަލުވުމުގައި މިފަހަރުގެ މައުޟޫއަކީ "މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުން" ކަމަށެވެ. މި މައުޟޫއާ ގުޅޭގޮތުން ކުރަން ބޭނުންވާ ސުވާލެއް އޮތްނަމަ، މާދަމާގެ މެންދުރު ފަހު 2:30 ގެ ކުރިން ސުވާލު ފޮނުވުމަށް ސަރުކާރުން ވަނީ އެދިފަ އެވެ.
ސަރުކާރުން ބުނީ ޓުވިޓާ މެދުވެރިކޮށް ސުވާލު ފޮނުވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެކަމަށް ހާއްސަ ހޭޝްޓެގް (JazeeraSalla#) ބޭނުން ކުރުމަށް އެދޭ ކަމަށެވެ.
ޖަޒީރާ ސައްލާ އަކީ ރައްޔިތުންނާއި ސަރުކާރުގެ މުއައްސަސާތަކާއި ވުޒާރާތައް ވީހާވެސް ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެޕިސޯޑްތަކަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ އެޕިސޯޑެއްގައިވެސް ކަނޑައަޅާ މުއައްސަސާއެއްގެ ބޭފުޅަކާއެކު ރައްޔިތުންނާ ބައްދަލުކުރާނެއެވެ. އެގޮތުން އެ މުއައްސަސާތަކުގައި ހުރި ކަންބޮޑުވުންތަކާއި ޕޮލިސީ ލެވެލްގައި ގެންނަން ޖެހޭ ބަދަލުތަކާއި ހަރުދަނާ ކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުން ފޮނުވާ ހިޔާލުތަކާއި ފޮނުވާ ސުވާލުތަކަށް ޖަވާބު ދެވިގެންދާނެ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.
ޖަޒީރާ ސައްލާގެ ނަމުގައި ޕްރޮގްރާމެއް ފަށާފައިވާއިރު، މީގެ ކުރިން ވަނީ އާންމުންގެ ހިޔާލު ހޯދަން ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންނާ ދެމެދުގައި "ޖަޒީރާ ހޮޅުއަށި" ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މަހަކު ދެ ފަހަރު ބޭއްވުމަށް ނިންމާފައިވާ އެ ޕްރޮގްރާމްގައި މިހާތަނަށް ބާއްވާފައިވަނީ ތިން ޕްރޮގްރާމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު