ޚަބަރު

ބޯޑަރު ހުޅުވި ފަހުން އެންމެ ގިނަ ފަތުރުވެރިން އައީ މިދިޔަ މަހު

އަލީ ޔާމިން

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލި ފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިދިޔަ މަހުގައި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް 96،882 ފަތުރުވެރިން އައިސްފައިވެއެވެ. އެއީ އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 3،460 ފަތުރުވެރިންނެވެ.

ބޯޑަރު ހުޅުވާލި ފަހުން ދެން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހު އެވެ. އެއީ 93،000 އަށްވުރެ ގިނަ ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 188,984 ފަތުރުވެރިން އައިސްފައިވެއެވެ. މިއަހަރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން 44،039 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާ އިން ނެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޮޑަރުތައް ބަންދު ކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހު އެވެ. އަލުން ބޯޑަރުތައް ހުޅުވީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. މިދިޔަ އަހަރު ރާއްޖެއަށް 555,494 ފަތުރުވެރިން އައިސްފައިވާއިރު ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމެވެ.