ޚަބަރު

ސައިންސް މިނިސްޓްރީ ހިންގުން ވަގުތީގޮތުން މިނިސްޓަރު ފައްޔާޒުއާ ހަވާލުކޮށްފި

1

ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓްރީ ހިންގުން ވަގުތީގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާ ހަވާލުކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާ އެ ބަދަލު ގެންނަވާފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސައިންސް އެންޑް ޓެކްނޯލޮޖީ މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމަށް ފާސްކުރައްވާފައިވާތީ ކަމަށެވެ.

މިނިސްޓަރު ކަމުން މަލީހު ވަކިކުރުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި 59 މެންބަރަކު ވޯޓު ދެއްވި އެވެ. ހަތަރު މެންބަރަކު ވަކި ގޮތަކަށް ވޯޓު ދެއްވާފައިނުވާއިރު އޭނާ ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. އެއީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ. އޭނާ އަކީ ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ.

މަލީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅީ، އިންޓަނެޓުގެ އަގުހެޔޮ ނުވާ މައްސަލަ އާއި ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދާފައިނުވާ ކަމަށް ބުނެއެވެ.

ނަމަވެސް އެ މައްސަލައަށް ޖަވާބުދާރީވެ ވަޑައިގަންނަވަމުން މަލީހު ވިދާޅުވީ، ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދާފައިވާ ކަމަށާއި އިންޓަނެޓުގެ އަގު ހެޔޮކުރުމަށް ކުރަންޖެހޭ ކަންތައްތައް ކޮށްގެން އެކަން ކުރެވޭނެ މުއްދަތު ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ކަނޑައަޅާފައިވާ ކަމަށެވެ.

އެހެންކަމުން އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވަނީ ކޮށް ނިންމާފައިވާ ކަމެއް ނުކުރާ ކަމަށް ބުނެ ކަމަށާއި އެއީ ޒާތީ ގޮތުން މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރާ ދެމެދު ހިނގަމުން އަންނަ ކަންތައްތަކެއް ތެެރެއިން ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ވެސް ވިދާޅުވި އެވެ.