ހއ. ބާރަށުގައި ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ، އެމީހުން ރަށުގެ ބައެއް މީހުންނާ ކޮންޓެކްޓު ވެފައިވާތީ އެރަށް މޮނީޓަރިންގެ ހާލަތަށް ގެންގޮސްފިއެވެ.
ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީނުގައި އެއް ގެއެއްގައި ތިބި ނުވަ މީހެކެވެ. އޭގެ ތެރޭގައި ހައި ރިސްކު މީހަކު ވެސް ހިމެނެ އެވެ.
ބާރަށު ކައުންސިލުގެ ރައީސް އަލީ ޝަމީމް މިއަދު "ވަން" އަށް ވިދާޅުވީ ހޯމް ކަރަންޓީނުން ޕޮޒިޓިވްވި ބަޔަކާ އެރަށު ބަޔަކު ކޮންޓެކްޓު ވެފައިވާތީ، މިއަދު އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 65 އަހަރުން މަތީގެ ހައި ރިސްކު މީހަކު ވެސް ހިމެނޭ ކަމަށާއި އެ މީހާ މިހާރު ށ. ފުނަދޫގައި ހުންނަ ކޮވިޑު ފެސިލިޓީއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝަމީމު އިތުރަށް ވިދާޅުވީ ހޯމް ކަރަންޓީނުގައި ތިބި މީހުން، އެހެން މީހުންނާ ބައްދަލުވެފައިވާ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ. އަދި އެމީހުންގެ ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު