ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށް، އޭނާ މިނިސްޓަރު ކަމުގެ މަގާމުން ވަކި ކޮށްފިއެވެ.
މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ، އެމްޑީޕީގެ ޕީޖީ ގްރޫޕުގެ 14 މެންބަރުންގެ ސޮޔާއެކުގައެވެ.
މަލީހުގެ އިތުބާރު ނެތްކަމަށް ފާސްކުރީ މިއަދުގެ ޖަލްސާގައި ތިއްބެވި 70 މެންބަރުންގެ ތެރެއިން 59 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ނުފެންނަ ކަމަށް އެންމެ މެންބަރަކު ވޯޓު ދެއްވާފައިވާއިރު، ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާ ހަތަރު މެންބަރުން ޖަލްސާގައި ތިއްބެވިއެވެ.
މަލީހުގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކުރަން ބޭނުންވަނީ 44 ވޯޓެވެ.
ވޯޓުގެ ނަތީޖާ އިއުލާން ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަލީހުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސް ކުރުުމުން ގާނޫނުއަސާސީގެ 110 ވަނަ މާއްދާގެ (ރ) ގައި ވާ ގޮތުުގެމަތިން މުހައްމަދު މަލީހު ޖަމާލު ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ކަމުގެ މަގާމުން ވަކި ވެއްޖެ ކަމަށެވެ.
މަލީހު މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.
މަލީހުގެ އިތުބާރު ނެތްކަމަށް ހުށަހެޅީ، އިންޓަނެޓްގެ އަގުހެޔޮ ނުވާ މައްސަލަ އާއި، ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހަދާފައި ނުވާ ކަމަށް ބުނެއެވެ.
ނަމަވެސް އެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަންނަވަމުން މަލީހު ވިދާޅުވީ، ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހަދާފައިވާ ކަމަށާއި، އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ކުރަން ޖެހޭ ކަންތައްތައްކޮށްގެން އެކަން ކުރެވޭނެ މުއްދަތު ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ކަމަށެވެ.
އެހެންކަމުން އިތުބާރު ނެތްކަމަށް ހުށަހަޅާފައި ވަނީ ކޮށް ނިންމާފައިވާކަމެއް ނުކުރާކަމަށް ބުނެ ކަމަށާއި، އެއީ ޒާތީގޮތުން މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރާ ދެމެދު ހިނގަމުންދާ ކަންތައްތަކެއް ތެެރެއިން ހުށަހަޅާފައިވާ މައްސަލައެއް ކަމަށްވެސް ވިދާޅުވިއެވެ.