ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގްރޫޕަށް ހުށަހެޅުމުގެކުރިން، ކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަން ޖެހޭ އެއްވެސް ގަވާއިދެއް ހައްދަވާފައިވާ ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.

މީކާއީލް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް، މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅުއްވަމުންނެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޖެހޭ ސަބަބުތައް، ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވީ މިނިވަން މުސްތަގިއްލު މުއައްސަސާތައް ފިޔަވައި މަޖިލީހުން އުފައްދާ ކޮންމެ އިދާރާއަކަށް، މަސްއޫލު ވާނެ ވަޒީރެއް ހުންނާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ ކަމަށެވެ. އަދި އެގޮތުން ހުންނަ ވަޒީރަކީ އެތަނެއް ހިންގުމުގެ ޒިންމާ އަދާކޮށް އެތަނުގެ ފަރާތުން ޖަވާބުދާރީވާން ޖެހޭނެ މީހެއްކަމަށް ގާނޫނު އަސާސީގައި އޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން ކޮމިއުނިކޭޝަން އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން އިންޓަނެޓުގެ ހިދުމަތަކީ އަގާއި އެއްވަރުގެ ހިދުމަތެއްތޯ ކަށަވަރު ކުރުމަކީ މަލީހު ކުރަން ޖެހޭ ކަމެއް ކަމަށް މީކާއީލް ވިދާލުވިއެވެ.

ނަަމަވެސް މީކާއީލް ވިދާޅުވީ، 25 މާޗް 2020 ގައި މާލެ ލޮކްޑައުންގައި އޮއްވައި، އިންޓަނެޓްގެ އަގުތަކާބެހޭގޮތުން އޮޅުން ފިލުވުމަށާއި އިންޓަނެޓްގެ އަގަށް ބަދަލު ގެނެސް ރައްޔިތުންނަށް ލުޔެއް ދިނުމާބެހޭގޮތުން ކޮމިއުނިކޭޝަން އޮތޯރިޓީގެ މަސައްކަތްތަކާބެހޭ ކަންކަން މަޖިލިސް ކޮމިޓީއަކުން ބަލައި ދިނުމަށް އޭނާ ހުށަހެޅުއްވުމުން، ކޮމިޓީއަށް ޖަވާބު ދެއްވުމުގެ ބަދަލުގައި އެއީ ކޮވިޑުން ފޯކަސް ނަގައިލުމަށް ކުރާ ބޭކާރުކަމެއް ކަމަށް ރާއްޖެ އެމްވީގައި މަލީހު ވިދާޅުވެފައިވާ ކަމަށްވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހެޅުމާ ހަމައަށްވެސް، ކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަން ޖެހޭ އެއްވެސް ގަވާއިދެއް މަލީހު ހައްދަވާފައި ނުވާކަން ފާހަގަ ކުރައްވައި، މީކާއީލް ވިދާޅުވީ، އެ މައްސަލ ޕީޖީ ގްރޫޕަށް ހުށަހެޅުމުން ވަރަށް އަވަސް އަރުވާލައިގެން ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެތެރޭގައި ބައެއް ގަވާއިދުތައް ހަދައި އޭޖީ އޮފިހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ގަވާއިދުތަކަކީ އޭގެކުރިން މިނިސްޓަރުގެ އެއްބާރުލުން އެކަމަށް ލިބުނު ނަމަ ވަރަށް އަވަހަށް ހެދޭނެ ގަވާއިދުތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެ މިނިސްޓްރީގެ މުވައްޒިފުންތަކެއް އަމިއްލަ އިސްނެގުމުގެ ދަށުން އެ ގަވާއިދުތައް ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިނިސްޓަރު އެ މަސައްކަތްތަކަށް ހުރަސް އަޅުއްވާފައިވާ ކަމަށް، އެ ފަރާތްތަކުން ހުށަހަޅާފައިވާ ޕެޓިޝަނެއްގައި ބުނެފައި ވާއިރު، އެފަދަ ބޭފުޅަކު އެ މަގާމުގައި ހުރުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށްވެސް މީކާއީލް ވިދާޅުވިއެވެ. އަދި ޓެލެކޮމިއުނޭޝަން މަސައްކަތްތަކާބެހޭ ގޮތުން އިންޓަނެޓްގެ އަގުހެޔޮ ކުރުމަށް ކުރެވިފައިވާ ކަންތައްތަކާބެހޭ ރިޕޯޓެއް 30 ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް، މަޖިލީހުން ފާސްކުރި ގަރާރެއްގައި ބުނެފައިވާއިރު އެ މުއްދަތު ފާއިތުވެގެންދިޔައިރުވެސް އެ ރިޕޯޓް ހުށަހަޅުއްވާފައި ނުވާކަންވެސް މީކާއީލް ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމާއެކު މަޖިލިސް ބައެއް މެންބަރުން ސުޕްރީމް ކޯޓަށް ގެންދާނެ ކަމަށާއި އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މިނިސްޓަރު މަލީހަށް މަޖިލީހުން ފޮނުވި ނޯޓިސް އަނބުރާ ފޮނުވާލައްވާނެ ކަަމަށާއި އެ މައްސަލަ މަޖިލީހަށް ނުބެލޭނެ ކަމަށް ވިދާޅުވެ، މަލީހު ދައްކަވާފައިވާ ވާހަކަތަކަކީ، މަޖިލީހަށް ފުރައްސާރަކުރުން ކަމަށެވެ.

އެހެންކަމުން އެފަދަ ބޭފުޅަކު ވަޒީރުކަމުގައި ހުރުމަށް އެކަށީގެން ނުވާ ކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.