ރައްޔިތުންގެ މަޖިލިސް

މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ފަށައިފި

އިބްރާހިމް ޒަކީ

ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަށައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ގަލޮޅުދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

މި މައްސަލައާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަލީހުގެ އިތުބާރު ނެތްކަމުގެ ބަހުސް ދެ ގަޑިއިރަށް ކުރިއަށްދާނެ ކަމަށެވެ.

މަޖިލީހުގެ އާއްމު ކޮމިޓީން ނިންމާފައިވާ ގޮތަށް، އޭގެ ތެރެއިން ޖުމުލަ 30 މިނިޓް، މައްސަލައިން ދިފާއުވުމުގެ ގޮތުން ވާހަކަ ދެއްކެވުމަށް މިނިސްޓަރު މަލީހަށް ލިބިވަޑައިގަންނަވާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. އެއީ މައްސަލަ ހުށަހެޅުމުން ވާހަކަ ދެއްކެވުމަށް 10 މިނިޓު، ބަހުސްގެ މެދު ތެރެއިން 10 މިނެޓް އަދި ބަހުސް ނިންމާލުމަށްފަހު 10 މިނިޓް މިނިސްޓަރަށް ދޭ ގޮތަށެވެ.

މި މައްސަލައިގައި މެންބަރުނަށް ބަހުސް ކުރުމަށް ފުރުސަތު ދިނުމަށް ކަމަޖެހިފައި ވަނީ، އެމްޑީޕީއަށް ޖުމްލަ 54.11 މިނިޓް ޕީޕީއެމާއި ޖޭޕީން ކޮންމެ ޕާޓީއަކަށް ޖުމްލަ 7.38 މިނިޓް ޕީއެންސީއަށް 6.5 މިނިޓް އެމްޑީއޭ އަށް 5.18 މިނިޓް އަދި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އަމިއްލަ މެންބަރުންގެ ތެރެއިން ކޮންމެ މެންބަރަކަށް 1.32 މިނިޓެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ނިމުމަށްފަހު އިތުބާރު ނެތްކަމުގެ ވޯޓަށް އަހާނީ، މަޖިލީހުގައި ވޯޓަށް އަހާ ގަޑި ކަމުގައިވާ 1:30 ގައި ކަމަށެވެ.