އޭޕްރީލް 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ހުށަހެޅި ޝަކުވާތަކަށްފަހު ގެނައި ބަދަލުތަކަށް އަނެއްކާ ވެސް ޝަކުވާ ހުށަހަޅަން ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ މި މަހުގެ ނުވަ ވަނަ ދުވަހު ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި ޝަކުވާތަކާ ގުޅިގެން ގެނައި ބަދަލުތައް މިހާރު އާންމު ކޮށްފައިވާ ކަމަށެވެ.

ހުށަހެޅި ޝަކުވާތަކާ ގުޅިގެން ވޯޓާސް ލިސްޓަށް ގެނައި ބަދަލުތަކަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 11ގެ ނިޔަލަށެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ. އެ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ އެވެ.

މިދިޔަ އަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ފަސްކޮށްފައިވަނީ ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެންނެވެ. އެ އިންތިހާބު މި އަހަރުގެ އޭޕްރީލް 10 ވަނަ ދުވަހު ބޭއްވުމަށް ނިންމައި ތައްޔާރީތައް އަންނަނީ ވަމުންނެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގައި ބުނާ ގޮތުން، އެ ކައުންސިލުގެ އިންތިހާބު ބާއްވަން ޖެހެނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުގައެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު އެމަހުގެ 18 އަށް ފަސްކޮށްގެން ވެސް އިންތިހާބެއް ނުބޭއްވުނެވެ. އެއީ ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވެ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ދެން ޖެހުނީ، އިންތިހާބު ކުރިއަށް ގެންދާނެ ދުވަސްވަރެއް ގާނޫނަކުން ކަނޑައަޅާށެވެ. އެހެންކަމުން އެކަމަށްޓަކައި، ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ރައްޔިތުންގެ މަޖިލީހަށް "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020" ހުށަހެޅުއްވުމުން އެ ބިލު މަޖިލީހުން ފާސްކުރިއެވެ.

އެ ގާނޫނުގައި ބުނެފައިވަނީ ކައުންސިލް އިންތިހާބު ބޭއްވުމުގެ މަސައްކަތް އީސީން ދެން ފަށަން ޖެހޭނީ އިންތިހާބާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމަކީ އާއްމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ކަމަށެވެ. އަދި އެ ގާނޫނު ފާސްވެ ތަސްދީގުކޮށް ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން އެ ގާނޫނަށް އަމަލުކުރަން ފަށާނެ ކަމަށް ބުނެފައިވެއެވެ.

އެ ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވައި ނިންމަންޖެހެއެވެ. އެއީ މިއަހަރުގެ މެއި މަހުގެ 10ގެ ކުރިންނެވެ. ނަމަވެސް މިހާތަނަށް އައި އިރުވެސް ކޮވިޑާ ގުޅިގެން އިއުލާންކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފައެއް ނުވެއެވެ.

އެހެންކަމުން އިންތިހާބު ބޭއްވުމާ ގުޅޭ އެއްވެސް ކަމެއް ގާނޫނުގައި ބުނާގޮތުން އީސީއަށް ކުރެވެން ނެތުމުން މިހާރު މިއޮތް ކޮވިޑުގެ ހާލަތުގައި އިންތިހާބު ބޭއްވުމަށް ދިމާވެފައިވާ ގާނޫނީ ހުރަސްތަކަށް ހައްލެއް ހޯދައި، ވީ އެންމެ އަވަހަކަށް އިންތިހާބު ބޭއްވުމަށް "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020" އަށް ސަރުކާރުން އިސްލާހު ހުށަހެޅިއެވެ.

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކެއް ބާއްވައިގެން އެ ބިލުގެ މަސައްކަތް ކުރިއަށް ގެންގޮސް، ވަނީ ފާސްކޮށްފައެވެ. މިހާރު ބިލު އޮތް ގޮތުން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އިންތިހާބު ބޭއްވޭނެއެވެ.