އިންޑިއާ އިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތަކަކީ ގާނޫނަށް ފެތޭ ދެފުށް ފެންނަ އެހީތަކެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އޮންލައިންކޮށް މިއަދު ބޭއްވި އޭޝިއާ އިކޮނޮމިކް ޑައިލޮގުގެ "ޕާސްޕެކްޓިވްސް އޮން އިންޑިއާސް އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން"ގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވަނީ މި ސަރުކާރު 2018 ވަނަ އަހަރު ވެރިކަމާ ހަވާލުވި ފަހުން އިންޑިއާ އިން ރާއްޖޭގެ ތަރައްގީއަށް ވެދެމުން އަންނަ އެހީތަކަށް އަލިއަޅުއްވާލައްވައިފައެވެ.

އިންޑިއާ އިން ދެއްވާ އެހީތައް މިނިސްޓަރު ސިފަކުރެއްވީ ދިވެހި ގާނޫނުތަކަށް ފެތޭ، ދެފުށް ފެންނަ އަދި ދިވެހިންގެ ބޭނުންތަކަށް ފެތޭ ގޮތަށް ފޯރުކޮށް ދޭ އެހީތެރިކަމެއްގެ ގޮތުގައެވެ. ވަކިން ހާއްސަކޮށް އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުތައް ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޝާހިދު އިތުރަށް ވަނީ، އިންޑިއާގެ "ނެއިބަހޫޑް ފަސްޓް" އަދި "ސަގަރް (SAGAR)" ސިޔާސަތުތަކަށް އަލިއަޅުވާލައްވައި، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ސުލްހަ ދެމެހެއްޓުމުގައި އިންޑިއާގެ މުހިންމު ދައުރު ފާހަގަކުރައްވައިފަ އެވެ. އަދި މޫސުމީ ބަދަލުތަކާއި ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަޝްވަރާތަކުގައި އިންޓަނޭޝަނަލް ސޯލާ އެލަޔަންސް އަދި ކޯލިޝަން ފޯ ޑިޒާސްޓާ ރެޒިލިއެންޓް އިންފްރާސްޓްރަކްޗާ ފަދަ ބައިނަލްއަގުވާމީ ޕްލެޓްފޯމްތައް މެދުވެރިކޮށް އިންޑިއާ އިން އިސް ރޯލެއް އަދާކުރުމަށް ރާއްޖެއިން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދުގެ އިތުރުން ބޫޓާންގެ ހާރިޖީ ވަޒީރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އިކޮނޮމިކް ރިލޭޝަންސް ސެކްރެޓަރީ ބައިވެރިވެވަޑައިގަތެވެ.

އޭޝިއާ އިކޮނޮމިކް ޑައިލޮގަކީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ޖިއޯ-އިކޮނޮމިކްސް ކޮންފަރެންސްއެކެވެ. އަދި 2021 ގެ އޭޝިއާ އިކޮނޮމިކް ޑައިލޮގް ބާއްވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އާއި ޕޫނޭ އިންޓަނޭޝަނަލް ސެންޓަރާ ގުޅިގެންނެވެ. މިއީ މި ޑައިލޮގު ބާއްވާ ފަސްވަނަ ފަހަރެވެ. އަދި ޕޫނޭ އިންޓަނޭޝަނަލް އިން އިންތިޒާމުކުރާ ދެވަނަ ފަހަރެވެ.

މިބައްދަލުވުމުގެ އެންމެ މުހިންމު ބޭނުމަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާރިޖީ ސިޔާސަތާއި އިންޑިއާ ސަރުކާރުން "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ހިންގޭ ސިޔާސީ އަދި އިގުތިސާދީ ކަންކަމުގެ މައްޗަށް އަލިއަޅުވާލައި މަޝްވަރާކުރުމެވެ.