އެމްއީއެސް ހިންގަން މަންދު ކޮލެޖާ ހަވާލު ކުރި އެއްބަސްވުން ބާތިލުކުރީ އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެ ސިވިލް ކޯޓުގައި ދައުވާ ކުރުމުން ބަދަލު ނަގައިދެވެން ނެތް ކަމަށް އެކޯޓުން ކުރި ހުކުމް، ހައި ކޯޓުން ބާތިލުކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމް ކޮށްފިއެވެ.
މަންދު ކޮލެޖް ހިންގަނީ މާލޭ ހައި ޕްރައިވެޓް ލިމިޓެޑުންނެވެ. މަންދު ކޮލެޖްގެ ވެރިޔާއަކީ އިބްރާހިމް އިސްމާއީލް (އިބްރާ) އެވެ.
އެމްއީއެސް އިންގި އިމާރާތުގައި 10 އަހަރު ދުވަހުގެ މުއްދަތަށް އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން (ދައުލަތް) އާއި މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް)ގެ އޭރުގެ މަސްއޫލުވެރިންނާއެކު ލީސް އެގްރީމެންޓެއް ހެދީ 28 ޑިސެމްބަރު 2008 ގައެވެ. އޭގެ ފަހުން އެ އެއްބައްވުމުގެ ދަށުން އެމްއީއެސްގެ މަސްއޫލުވެރިންގެ ހައްގުތައް މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ބަދަލު ކުރީ 6 އޭޕްރިލް 2010 ގައެވެ.
އެ އެގްރީމެންޓް އުވާލާނެ ކަަމަށް 15 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެޑިއުކޭޝަން މިނިސްޓްރީން އެ އެގްރީމެންޓް ބާތިލުކުރީ ޖެނުއަރީ 25، 2015 ގައެވެ.
ސަބަބެއް ކަމަށް އެޑިއުކޭޝަނުން ބުނެފައިވަނީ، އެ އެއްބަސްވުމުގައި ބުނެފައިވާ އިންޓަނޭޝަނަލް ސްކޫލުގެ ހިދުމަތް 2009 ވަނަ އަހަރު ފަށަން ޖެހޭނެ ކަމަށް އެއްބަސްވުމުގައި ބަޔާން ކޮށްފައިވީ ނަމަވެސް އެ އެއްބަސްވުމަށްފަހު ފާއިތުވި ހަތް އަހަރު ފާއިތުވި އިރު ވެސް އެކަމަށް ކުރަންޖެހޭ މަސައްކަތް ކޮށްފައި ނުވުމެވެ. އަދި އެ އިމާރާތް ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންތައްތަކެއް ހިމެނޭ ކަމަށާއި މާލިއްޔަތުގެ ގަވާއިދާ ހިލާފު ވެފައިވާ ކަމަށް ބެލެވޭ ކަންތައްތަކެއް ހިމެނޭތީ ކަމަށް ވެސް ބުނެފައިވެއެވެ. އަދި މާލެ ހައި އަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ދައުލަތުގެ މައްޗަށް ދައުވާކުރުމުގެ ހައްގު އެ ކުންފުންޏަށް ލިބިގެންވާ ކަމަށެވެ.
ނަމަވެސް އެ އެގްރީމެންޓް އެޑިއުކޭޝަނުން އުވާލީ އެއްބަސްވުމާ ހިލާފަށް ކަމަށާއި އެކަމުގެ ސަބަބުން ލިބޭ އެންމެހާ ގެއްލުންތަކުގެ ބަދަލު ދައުލަތުގެ ފަރާތުން ހޯދުމުގެ ހައްގު މާލޭ ހައި އަށް ލިބިގެންވާ ކަމަށް ކަނޑައަޅައި ދިނުމަށާއި އެ މައްސަލަ ކޯޓަށް ހުށަހެޅުމުގައި ގާނޫނީ ވަކީލަށް ހަރަދުވާ 53،000 ރުފިޔާ އެއް ފަހަރާ ނަގައިދިނުމަށް އެދި މާލޭ ހައިގެ ފަރާތުން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ ކުރިއެވެ.
އެ މައްސަލަ ބެލުމަށްފަހު 29 އޮގަސްޓް 2017 ގައި ސިވިލް ކޯޓުން ނިންމީ ގެއްލުމުގެ ބަދަލާއި ވަކީލު ފީ ނަގައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ނޭނގޭނެ ކަމަށެވެ. ނަމަވެސް އެ ހުކުމް މާލޭ ހައި އިން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި ޖޫން 17، 2020ގައި ހައި ކޯޓުން ނިންމާފައިވަނީ އެ އެއްބަސްވުން އެޑިއުކޭޝަނުން އުވާލާފައިވަނީ އެއްބަސްވުމާ ހިލާފަށް ކަމަށެވެ.
ހައިކޯޓުގެ އެ ނިންމުމާ ގުޅިގެން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި، އެ މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް މިއަދު ވަނީ ހުކުމް ކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ހުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމު އަދުނާނު ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީގެ އަމިއްލަ އިސްނެގުމަށް އެ ލީސް އެގްރީމެންޓް ބާތިލް ކުރުމުގައި ދައުލަތުުގެ ހެޔޮނިޔަތް އޮތް ކަމަށް ބުރަ ނުވެވޭ ކަމަށެވެ.
އަދި އެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ހުށަހެޅި އިސްތިއުނާފީ ސަބަބު ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތީން ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން ހައިކޯޓުން އެ މައްސަލަ ނިންމާފައިވަނީ ރަނގަޅަށް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓް