ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މަލީހު މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވީ، ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.

އޭނާގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށް މަގާމުން ވަކި ކުރަން މަޖިލީހަށް ހުށަހެޅީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓް ގްރޫޕުންނެވެ.

މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ، 14 މެންބަރުންގެ ސޮޔާއެކު ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައި ވަނީ، މި ފެބްރުއަރީ މަހުގެ 10 ގައެވެ.

އެ މައްސަލައިގައި މަޖިލީހުގެ ތަޅުމުގައި ޖަވާބުދާރީވާން މަލީހަށް 30 މިނިޓްގެ ފުރުސަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން މިދިޔަ ހަފްތާގައި ވަނީ ފާސްކޮށްފައެވެ.

މަޖިލިސް ގަވާއިދުގައި ބުނާގޮތުން ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަަލައަށް ޖަވާބުދާރީވުމަށް މަޖިލިސް ތަޅުމުގައި ދޭނެ ވަގުތު ކަނޑައަޅަނީ ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 207 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި ނަމަ އެ މައްސަލައެއްގެ ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެކަން އެ ވަޒީރަކަށް އަންގަން ވާނެ ކަމަށެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން ޖަވާބު ދާރިވުމުގެ ފުރުސަތު އެ ވަޒީރަކަށް ދޭން ވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

މިމަހު 16 ވަނަ ދުވަހުއޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ މަޖިލިސް ގަވާއިދުގައިބުނާ ނޯޓިސް މިނިސްޓަރު މަލީހަށް ފޮނުއްވާފައިވާ ކަމަށެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައި ވަނީ، ރާއްޖޭގައި އިންޓަނެޓުގެ އަގު ހެޔޮ ނުވާ މައްސަލައިގައި އޭނާ މަގާމުން ވަކިކުރަން މަޖިލީހުގެ ބައެއް މެންބަރުންނާއި އާންމުންވެސް ގޮވާލާފައިވަނިކޮށެވެ.