ސްޓެލްކޯ

ކަރަންޓުގެ އަގު ހެޔޮ ކުރުމަށްޓަކައި ރިނިއުބަލް އެނާޖީއަށް ދިއުމުގެ މަޝްރޫއު މިއަހަރު ފަށާނެ: ސްޓެލްކޯ

އިބްރާހިމް ޒަކީ

ކަރަންޓްގެ އަގުހެޔޮ ކުރުމަށްޓަކައި އޮތް ހަމަ އެކަނި ގޮތަކީ ރިނިއުބަލް އެނާޖީއަށް ދިއުން ކަމަށާއި، މިއަހަރުގެ ތެރޭގައި އެކަމާބެހޭ މަޝްރޫއެއް ފަށާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސަރުކާރުގެ ސިޔާސަތާ އެއްވަރަށް ކަރަންޓްގެ އަގު ހެޔޮވަމުން ނުދާ މައްސަލައިގައި، ސްޓެލްކޯގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ، ވިދާޅުވީ ކަރަންޓްގެ އަގު ހެޔޮ ކުރުމަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ކަރަންޓު އުފެއްދުމަށްދާ ހަރަދު ކުޑަކުރުމަށް ހުރި ދަތިތައް ކަމަށެވެ.

އެހެންކަމުން ދިގުމުއްދަތެއްގެ ޕްލޭނެއްގެ ގޮތުގައި އޮތީ ރިނިއުބަލް އެނާޖީއަށް ދިއުން ކަމަށާއި، ޑީސަލް އަންދައިގެން ކަރަންޓްގެ އަގުހެޔޮ ކުރެވޭނެ ގޮތެއް ނެތް، ކަމަށް އޭނާ ވިދާޅުވިއެވެ.

މުޣުނީ ވިދާޅުވީ، ރިނިއުބަލް އެނާޖީއަށް ދިއުމަށްވެސް ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެއީ ފައިސާގެ ދަތިކަން ކަމަށެވެ.

"ކުންފުނީގައި އޮންނަނީ ޓެރިފް ރޭޓެއް ވަކިން ކަނޑައެޅިފައި އެ ޓެރިފްރޭޓް ކަނޑައެޅިފައި އޮންނަނީ އޮޕަރޭޓިން ކޮސްޓްތަކަށް ބަލާފަ އޮޕަރޭޓިން ކޮސްޓްތައް ކަވަރުވާ ގޮތަށް، މި ކުންފުންޏަކީ ވިޔަފާރި އުސޫލުން، އެހެން ކުންފުނިތައް ހިންގާ ގޮތަށް ހިންގާ ކުންފުންޏެއް ނޫން، ބޭނުންވަރަކަށް މާޖިން ލައިގެން އެމާޖިން އިން ލިބޭ ޕްރޮފިޓަކުން ނޫން ހިންގަނީ، ކުންފުނި ހެދިފައި މިއޮންނަނީ އާއްމު ރައްޔިތުންނަށް ހިދުމަތް ދޭން، އެހެންވީމާ އޭގެ މާނައަކީ ބޮޑެތި އިންވެސްޓްމަންޓްތަކެއްގައި ގެނެވޭކަށް ނޯވޭ،" މުޣުނީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ "އަޅުގަނޑުމެނަށް ފައިނޭންސް އެރޭންޖު ކޮށްދެއްވައިފިއްޔާމު އަޅުގަނޑުމެން ކިތަންމެ ވަރަކަށް ވެސް ރިނިއުބަލް އަށް އިންވެސްޓް ކުރާނަން، ސަރުކާރުގެ ތެރެއިން ވެސް މިކަންތައް ހަމަޖެހިއްޖެއްޔާ ފަސޭހަވާނެ،" ކަމަށެވެ.

އެކަމަށްޓަކައި ބޮޑު އަދަދެއްގެ ފައިނޭންސިން ލިބޭތޯ ސްޓެލްކޯއިން އަމިއްލައަށްވެސް މަސައްކަތް ކޮށްފައިވާ ކަމަށާއި އެކަމުގައި ދިމާވާ ދައްޗަކީ، ސަރުކާރުން ހިންގައިދީފައިވާ ޕްރޮޖެކްތްތަކަކީ ސްޓެލްކޯގެ ލޯނުގެ ގޮތުގައި އޮތުން ކަމަށްވެސް މުޣުނީ ވިދާޅުވިއެވެ.

"މިކަމުގައި ދިމާވެފައިވާ ގޮންޖެހުމަކީ، މީގެ ކުރިން ހިންގާފައިވާ ޕްރޮޖެކްތައް ސަރުކާރުން ހިންގަވައިފަ، އެއީ ސްޓެލްކޯގެ ލޯނެއްގެ ގޮތުގައި އޮންނަނީ އެހެންވީމާ ސްޓެލްކޯގެ ނަމުގައި ލޯނެއް ނަގަން އުނދަގޫ ވޭ، އޭގެ ބަދަލުގައި ގަވަމަންޓްގެ ޝެއާ ކެޕިޓަލަށް އެ ބަދަލުކޮށްފިއްޔާ ފަސޭހަ ވާނެ، އެނަޖީއަށް އިންވެސްޓް ކުރަން ފިނޭންސް މިނިސްޓްރީން އެބަ މަސައްކަތްކުރާހެން ހީވަނީ، އެކަންކަން ކުރެވިދާނެ ގޮތުގެ ލަފައާއެކު ކޮންސަލްޓަންޓެއް އެކަމާބެހޭ ރިޕޯޓެއްވެސް ވަނީ ސަރުކާރަށް އަރުވާފަ،" މުޣުނީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮންމެ ގޮތަކުންވެސް ފައިސާ ހޯދައިގެން ސްޓެލްކޯއިން މިއަހަރު އެ ތަފާތު ދެއްކޭތޯ މަސައްކަތް ކުރާނެ ކަމަށެވެ. އެކަމަށްޓަކައި ރިނިއުބަލް އެނާޖީއާބެހޭ ޕްލޭނެއް ހަދާފައިވާ ކަމަށާއި އެއާ އެއްގޮތަށް މިއަހަރު މަސައްކަތް ފަށައިގަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.