ރެއާލް މެޑްރިޑަށް ކުޅެމުންދިޔަ ޕޯޗުގަލްގެ ސުޕަ ސްޓާ ކްރިސްޓިއާނޯ ރޮނާލްޑޯ ގެންދިޔުމަކީ ޔުވެންޓަސްއިން ހެދި ގޯހެއް ކަމަށް ކުރިން އިޓަލީގެ ގައުމީ ޓީމުގެ އިތުރުން ރެއާލް މެޑްރިޑާއި އިންޓަ މިލާނަށް ކުޅުނު ފޯވަޑް އެންޓޯނިއޯ ކައްސާނޯ ބުނެފިއެވެ.

2018 ވަނަ އަހަރު ރޮނާލްޑޯ ރެއާލް ދޫކޮށް، ޔުވެންޓަސްއާ ގުޅިފައިވާއިރު، އޭނާގެ މައިގަނޑު ޓާގެޓަކަށް ވެފައި އޮތީ ޗެމްޕިއަންސް ލީގު އެ ކްލަބަށް ކާމިޔާބު ކޮށްދިނުމެވެ. އެހެން ނަމަވެސް ރޮނާލްޑޯއާއެކު ޔުވެންޓަސްއަށް އެ މަގުސަދު އަދި ހާސިލުވެފައެއް ނުވެއެވެ.

"ޔުވެންޓަސްއިން ރޮނާލްޑޯ ގެންދިޔައީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް. އެކަމަކު ރޮނާލްޑޯއާއެކު އެކަމެއް ހާސިލެއް ނުވި، ޔުވެންޓަސްއިން ކުރިން ނެރުނު ނަތީޖާތައްވެސް މިހާރު ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯއާއެކު ނުނެރެވޭ،" ކައްސާނޯ ބުނެފައިވެއެވެ.

ކައްސާނޯ ބުނެފައި ވަނީ ރޮނާލްޑޯއާ ނުލައިވެސް ޔުވެންޓަސްއަށް ސެރެއާ އޭ ނެގޭނެ ކަމަށާއި، ރޮނާލްޑޯއާއެކު ޔުވެންޓަސްއިން ހިންގަމުންދަނީ އުންމީދެއް ނެތް ޕްރޮޖެކްޓެއް ކަމަށެވެ. ރޮނާލްޑޯއަކީ ގޯލް ޖަހަން އެނގޭ ކުޅުންތެރިޔަކަށް ވާތީ އަބަދުވެސް ގޯލް ޖަހަމުން އަންނަ ނަމަވެސް، ކޯޗު ޕިރްލޯ ބޭނުންވާ ކުޅުން، އިދިކޮޅު ޓީމަށް ޕްރެސްކޮށް، ވަރުގަދައަށް ކައުންޓާ ޕްރެސިންގައި ކުޅޭއިރު ރޮނާލްޑޯ އެއްވެސް ވަރަކަށް ބައިވެރި ނުވާ ކަމަށް ކައްސާނޯ ބުނެފައިވެއެވެ.

އުމުރުން 36 އަހަރުގެ ރޮނާލްޑޯ ވަނީ ޔުވެންޓަސްއާއެކު ގިނަ ގޯލްތަކެއް ޖަހައި، ދެފަހަރަށް ލީގު އަދި ސުޕަ ކޮޕާވެސް ކާމިޔާބު ކޮށްފައެވެ. ސެރެއާ އޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު 2019 ވަނަ އަހަރު ރޮނާލްޑޯއަށް ލިބުނު ނަމަވެސް، އެންމެފަހުން ކުޅުނު ޗެމްޕިއަންސް ލީގުން ޔުވެންޓަސް ކަޓައިގެން ދިޔައީ ކުއާޓާ ފައިނަލާއި ގަދަ 16 އިންނެވެ.