ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބެލުމުގެ ދަށުން ހދ. ހަނިމާދޫ ޑިޓޮކްސް ސެންޓަރެއްގައި ފަރުވާ ހޯދަމުން ދަނިކޮށް މަރުވި މީހާގެ ހަށިގަނޑު މާލެ ގެންނަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ މީހާ މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ނަމަވެސް އެކަމުގެ މާބޮޑު ތަފުސީލެއް އެންޑީއޭއަކުން ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް މަރުގެ މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ.

ފުލުހުން މިރޭ ބުނީ، ހަނިމާދޫ ޑިޓޮކްސް ސެންޓަރުގައި މަރުވެފައިވަނީ އެ ސެންޓަރަށް ގޮސް، ކަރަންޓީނުގައި ހުރި މީހެއް ކަމަށެވެ. އަދި އެ މަރުގެ ތަހުގީގަށް މާލެއިން ޓީމެއް ހަނިމާދޫއަށް ދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

ފުލުހުން ފަހުން ބުނީ، އިތުރަށް ހަދަންޖެހޭ ތަހުލީލުތައް ހަދައި ބަލަންޖެހޭ ބެލުންތައް ބެލުމަށް ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޑިޓޮކްސް ސެންޓަރުތަކަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާތްވެ މުޖުތަމައަށް އަލުން ނިކުންނަށް ބޭނުންވާ ފަރާތްތަކަށް ކައުންސިލިން އާއި އެހެނިހެން ފަރުވާތައް ދިނުމަށް ގާއިމްކޮށްފައިވާ ސެންޓަރު ތަކެވެ.