އެންމެފަހުން ކުޅުނު 20 މެޗުން ވެސް މޮޅުވެ، މެންޗެސްޓާ ސިޓީން ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑު ދަމަހައްޓައިފިއެވެ.
މިއަދު ޕްރިމިއާ ލީގުގައި ވެސްޓްހަމްއާ ދެކޮޅަށް ކުޅުނު މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ސިޓީން ލީގުގެ އެއްވަނައިގައި 13 ޕޮއިންޓުގެ ލީޑެއް ނަގާފައިވާއިރު، އެ ޓީމުން އެންމެ ފަހުން ކުޅުނު 27 މެޗުން ވެސް ބަލިވެފައެއް ނުވެއެވެ. ސިޓީން އެންމެ ފަހުން ކުޅުނު 20 މެޗުން މޮޅުވި އިރު، އެޓީމުން ވަނީ އެ މެޗުތަކުގައި 51 ގޯލު ޖަހައިފައެވެ. ސިޓީ ކޮޅަށް ވަދެފައިވަނީ އެންމެ ހަތް ގޯލެވެ.
މެޗުގެ ފުރަތަމަ ގޯލު ސިޓީން ޖެހީ 30 ވަނަ މިނެޓުގައެވެ. ކެވިން ޑިބްރޭނާގެ އެސިސްޓަކުން ރުބެން ޑިއާޒް އެ ގޯލު ޖެހި އިރު، ސިޓީން މެޗު ފެށީ ޖާއޯ ކާންސެލޯ އާއި ގެބްރިއަލް ޖީސަސް އާއި ފިލް ފޮޑެން ވެސް ނުލައެވެ. ހާފު ނިމުމުގެ ކުރިން ވެސްޓްހަމުގެ މިޝޭލް އެންތޯނިއޯގެ ގޯލާއެކު ވެސްޓްހަމް އިން ނަތީޖާ ހަމަހަމަ ކުރުމުން ޕެޕް ގާޑިއޯލާ ވަނީ ދެވަނަ ހާފަށް ބަދަލުތަކެއް ގެނެސްފައެވެ.
ގެބްރިއަލް ޖީސަސް އާއި ފިލް ފޮޑެން ކުޅެން ނެރުމުން ސިޓީގެ ކުޅުން ރަނގަޅުވެ، ސިޓީގެ ހަމަލާތައް އިތުރުވިއެވެ. ސިޓީގެ ޕާސްތައް ގިނަކޮށް، އެޓީމުން ލީޑު ވެސް ނެގިއެވެ. ރިޔާދު މަހަރޭޒުގެ ބޯޅައިން ގޯލު ޖަހައި ސިޓީއަށް ދެވަނަ ފަހަރަށް މެޗުގައި ލީޑު ނަގައިދިނީ ޑިއާޒުގެ ޑިފެންސިވް ޕާޓްނާ ޖޯން ސްޓޯންސްއެވެ.
ސިޓީން ބަލިނުވުމުގެ ދިގު ރެކޯޑެއް ދަމަހައްޓަމުންދާއިރު، މި ހަފުތާ ތެރޭގައި ވުލްވްސް އަތުން ބަލި ނުވެއްޖެނަމަ، އެއީ ގާޑިއޯލާގެ އިރުޝާދު ދަށުން އެޓީމުން ބަލިނުވެ ދަމަހައްޓާފައިވާ އެންމެ ބޮޑު ރެކޯޑަށް ވާނެއެވެ. ސިޓީން ލީގު ތައްޓާ އަނެއްކާ ވެސް ފިޔަވަޅަކަށް ގާތަށް ޖެހިލާފައިވާއިރު، މި ސީޒަނުގައި އެޓީމަށް ހަތަރު ތަށި ހޯދުމަށް ވެސް އަދި ފުރުސަތު އެބައޮތެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު