މިހާރު މިއޮތް ހާލަތަކީ މުޅި ޓީމު އެކީ އެކައްޗަކަށް ބަދަލުކޮށް، އޯވާހޯލް ކުރަން ޖެހޭ ފަދަ ހާލަތެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ލިވަޕޫލް ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެ، މިދިޔަ އަހަރުގެ ޗެމްޕިއަން ލިވަޕޫލް މިވަގުތު އޮތީ ލީގު ތާވަލުގެ ހަވަނައިގައެވެ. މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށްވުރެ 19 ޕޮއިންޓް ފަހަތުގައި ލިވަޕޫލް އޮތްއިރު، މި ސީޒަން ވެފައި ވަނީ އެޓީމަށް މާޔޫސީ ސީޒަނަކަށެވެ. އަނިޔާގެ އެތައް މައްސަލަތަކަކާ ކުރިމަތިވެފައިވާއިރު، އެންމެ މުހިއްމު ކުޅުންތެރިން ކަމަށްވާ ވާޖިލް ވެންޑައިކާއި ޖޯ ގޮމޭޒްއަށްވެސް ވަނީ ބޮޑެތި އަނިޔާތަކާ ކުރިމަތިވެފައެވެ.

ޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަންއާއި މެދުތެރެއިން އަދި ފަހަތުން މުހިއްމު ރޯލެއް އަދާކުރާ ފަބީނިއޯވެސް އަނިޔާގައި ހުރިއިރު، ޑިފެންޑަރުންގެ މައްސަލައަކީ ކޯޗު ކްލޮޕަށް ބޮޑު ބޮލުރިހުމެކެވެ. އޭގެ އިތުރުން ލިވަޕޫލްގެ ސްކޮޑުގެ އެވަރެޖް އުމުރަކީވެސް ކްލޮޕަށް ކުރިމަތިވަމުން އަންނަ އުނދަގޫކަމެކެވެ. ލިވަޕޫލް ސްކޮޑުގެ 12 ކުޅުންތެރިންގެ އުމުރުން 28 އަހަރުން މައްޗަށް ގޮސްފައިވާއިރު، ފުރަތަމަ 11 ގައި އާންމުކޮށް ހިމެނޭ ނުވަ ކުޅުންތެރިޔަކުވެސް އޭގެ ތެރޭގައި ހިމެނެއެވެ.

"އަހަންނަށް ފެންނަ ފެނުމުގައި މިއީ އަދި ލިވަޕޫލަށް އެކީއެކައްޗަކަށް އިންގިލާބީ ބަދަލެއް ގެންނަން ޖެހޭ ވަގުތެއް ނޫން،" އުމުރުން 53 އަހަރުގެ ކްލޮޕް ބުނެފައިވެއެވެ.

"މިހާރު އޮތް ސްކޮޑަށް އެކުގައި ކުޅެލުމަށް ފުރުސަތެއް އަދި ނުލިބޭ. މިހާރު މިއޮތް ސްކޮޑުގެ ހާލަތަށް ބަލައި، މައްސަލަތަކަށް ބަލައި، ގެންނަން ޖެހެނީ ކުދިކުދި ބަދަލުތައް. އެކަމަކު ފުލް އޯވާހޯލްއަކަށް ދާން ޖެހޭ ހާލަތެއް ނޫން އަދިމިއީ،" ކްލޮޕް އިތުރަށް ފާހަގަކޮށްފައި ވެއެވެ.

ލިވަޕޫލުން އެންމެފަހުން ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވީ އެންމެ ދެ މެޗުންނެވެ. އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުންވެސް ކަޓާފައިވާއިރު، ލީގު ކަޕުންވެސް އެޓީމު ވަނީ ކަޓާފައެވެ. މީގެ ދެ ސީޒަން ކުރިން ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށް، މިދިޔަ އަހަރު ލީގު ހޯދި ލިވަޕޫލުން ފޯމް ގެއްލިފައި އޮތް އޮތުން ނިމުމަކަށް ގެންނަން މި ހަފުތާ ލީގުގައި ކުޅޭ ދެ މެޗު މުހިއްމެވެ.