ކުޅިވަރު

ޕްރެޝަރަކީ އޮކްސިޖަން ފަދައިން ހަޔާތަށް ކޮންމެހެން ބޭނުންވާނެ އެއްޗެއް: މޮރީނިއޯ

ޕްރެޝަރަކީ އޮކްސިޖަން ފަދައިން ދިރިއުޅުމުގައި އަބަދުވެސް ބޭނުންވާނެ އެއްޗެއް ކަމަށާއި، އޮކްސިޖަން އަދި ޕްރެޝަރާ ނުލައި ނުވެސް އުޅެވޭނެ ކަމަށް ޓޮޓެންހަމްގެ ކޯޗު ޖޯސޭ މޮރީނިއޯ ބުނެފިއެވެ.

އެންމެފަހުން ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެ، ޓޮޓެންހަމް އޮތީ ލީގު ތާވަލުގެ ނުވަ ވަނައިގައެވެ. އެ ބަލިތަކާއެކު ޓޮޓެންހަމްގެ ކޯޗުކަމުގެ ގޮނޑި ބޮޑު ޕްރެޝަރަކަށް ވެފައިވޭތޯ ނޫސްވެރިޔަކު ސުވާލުކުރުމުން މޮރީނިއޯ ބުނެފައި ވަނީ ހާސްވެ ކަންބޮޑު ވާވަރު އަދި ނުވާ ކަމަށެވެ.

"މައްސަލައަކަށް ވާނީ ޕްރެޝަރެއް ނެތުން. އެއީ އޮކްސިޖަންހައި މުހިއްމު އެއްޗެއް. ދިރިއުޅުގައި ކޮންމެހެން ބޭނުން ވާނެ އެއްޗެއް،" އާދީއްތަ ދުވަހު ބާންލީއާ ދެކޮޅަށް ކުޅޭ މެޗާއި ގުޅިގެން ކުރީގެ ޗެލްސީ އަދި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ބުނެފައިވެއެވެ.

މޮރީނިއޯ ބުނީ ކަމެއް ހާސިލްކުރުމަށް މަސައްކަތް ކުރާ ކޮންމެ ކޯޗަކަށްވެސް ޕްރެޝަރާ ކުރިމަތިލާން ޖެހޭނެ ކަމަށާއި، ޕްރެޝަރަށް ހޭނުމަކީ ކޮންމެ ކޯޗެއްގެވެސް ޒިންމާއެއް ކަމަށެވެ. ކޮންމެ މުބާރާތެއްގައިވެސް ފަސޭހަ ނޫން މެޗުތަކެއް ކުޅެން ޖެހޭނެ ކަމަށާއި، އެކަމަކީ ކޮންމެހެންވެސް ކުރިމަތިލާން ޖެހޭ ޗެލެންޖްތަކެއް ކަމަށް ކޯޗު މޮރީނިއޯ ބުނެފައި ވެއެވެ.

އާންމުކޮށް ކޯޗުކަމުގެ ޕްރެޝަރުން ރެކެން މޮރީނިއޯ ތަފާތު އުކުޅުތަކެއް ގެންގުޅޭކަން ފާހަގަވެފައިވާއިރު، މިފަހަރުވެސް އޭނާ އަންނަނީ ދަށް ނަތީޖާތައް ހަނދާން ނައްތައިލުމަށް ތަފާތު ވާހަކަތައް ދައްކަމުންނެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިވިތާ އަހަރެއް ފަހުން ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލު ވެ، ފުރަތަމަ ސީޒަންގައި ވަނީ ކާމިޔާބީތަކެއް ހޯދައިފައެވެ. މި ސީޒަންގެ ކުރީކޮޅުގައި ޓޮޓެންހަމްއިން ވަރުގަދަކޮށް ނަތީޖާތައް ނެރުނު ނަމަވެސް، މިހާރު ވަނީ ވަރަށް ބޮޑަށް ފޯމް ދަށް ވެފައެވެ.