ކުޅިވަރު

ޔުނައިޓެޑާއި ދެކޮޅަށް ނުކުތުން، ޓުޗެލްއަށް ކަޅު ދުވަހެއްގެ ހަނދާން

ޗެލްސީން މާދަމާ ރޭ އޮލެ ގުނަ ސޮލްސްޖާގެ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނަން ތައްޔާރުވެފައި ވާއިރު، ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލްއަށް ކުރެވެނީ ހިތި ހަނދާންތަކެކެވެ. ޓުޗެލް ބުނެފައި ވަނީ 2019 ވަނަ އަހަރު މާޗު މަހު މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެ، ޕީއެސްޖީ ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ކަޓައިގެން ދިޔުމަކީ ކެރިއަރުގައި ކުރިމަތިވި އެންމެ ހިތްދަތި ބަލި ކަމަށެވެ.

ޕީއެސްޖީން ގަދަ 16ގެ ފުރަތަމަ ލެގުގައި، ޔުނައިޓެޑް ދަނޑަށް ގޮސް 2-0 ގެ ނަތީޖާއަކުން މޮޅުވެފައި އޮތް ނަމަވެސް، ޔުނައިޓެޑުން ޕެރިސްއަށް ގޮސް، ފަހު ވަގުތު ގޯލް ޖަހައިގެން އެ ނަތީޖާ އަނބުރާލައި، ޓުޗެލް ހިތްދަތިކޮށްލިއެވެ.

"އަހަރެން ވަރަށް ތެދަށް ބުނާ ކަމަށްވާނަމަ، އެ މެޗަށްފަހު ދެ ދުވަސް ވަންދެން އަހަރެން ހުރީ ވަރަށް އަނދިރި ހިސާބެއްގައި. އެހެން ކަމަކަށް ނުވިސްނޭ، އެހެން އެއްވެސް ކަމަކަށް ސަމާލުކަން ނުދެވި ދެ ދުވަސް ވަންދެން ހުރިން. އެއީ ކެރިއަރުގައި ދިމާވި އެންމެ ހިތްދަތި ބަލި. އެއީ އޭރު އަންދާޒާ ނުކުރެވި އޮތް ބައްޔެއް. އެކަމަކު މި މެޗަކީ އެ މެޗާ އަޅައި ކިޔޭނެ މެޗެއް ނޫން. ޗެމްޕިއަންސް ލީގު ބައްޔަކީ ހަޖަމް ވާނެ ބައްޔެއް ނޫން،" ޓުޗެލް ބުނެފައިވެއެވެ.

ޓުޗެލްގެ ޗެލްސީން ލީގުގައި މިވަގުތު މަސައްކަތް ކުރަމުން އަންނަނީ ގަދަ ހަތަރެއްގެ ތެރެއަށް ވަނުމަށެވެ.