ދުނިޔެއިން ކޯވެކްސްގެ ވެކްސިން ލިބުނު ދެވަނަ ގައުމަކަށް އައިވަރީ ކޯސްޓް ވެއްޖެއެވެ.

ކޯވްކްސް ފެސިލިޓީގެ ދަށުން އައިވަރީ ކޯސްޓަށް ވަނީ އިންޑިއާގެ ސިރަމް އިންސްޓިޓީއުޓުން އުފައްދާފައިވާ އެސްޓްރާޒެނެކާގެ ކޮވިޑްވެކްސިންގެ 504،000 ޑޯޒް ލިބިފައެވެ.

25 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އައިވަރީ ކޯސްޓުން ވަނީ އަންނަ ހަފްތާގައި އެގައުމުގައި ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވެފައެވެ.

ކޯވެކްސް ފެސިލިޓީގެ ދަށުން އެންމެ ފުރަތަމަ ވެކްސިން ލިބިފައިވަނީ އެފްރިކާގެ ގާނާ އަށެވެ. ގާނާއަށް ވަނީ އެސްޓްރާޒެނެކާގެ 600،000 ޑޯޒް ވެކްސިން ފޮނުވާފައެވެ.

ޑަބްލިއުއެޗްއޯއިން ވަނީ ކުރިޔަށްއޮތް ހަފުތާއެއްހާ ދުވަސްތެރޭ އެފްރިކާގެ އިތުރު 24 ގައުމަކަށް ވެކްސިން ފޮނުވުމަށް ނިންމާފައެވެ. ޑަބްލިއުއެޗްއޯގެ ކޯވެކްސްގެ ދަށުން ދުނިޔޭގެ އެކި ގައުމުތަކަށް ދެ ބިލިއަނަށް ވުރެ ގިނަ ޑޯޒް ގެ ވެކްސިން މިއަހަރު ތެރޭ ފޮނުވުމަށް ވަނީ ނިންމާފައެވެ.

ދުނިޔޭގެ ކުރިއަރާފައިވާ މުއްސަނދި ގައުމުތަކުން ވަނީ ކޮވިޑާ ދެކޮޅަށް އުފައްދާފައިވާ ވެކްސިން ތަކުގެ ގިނަ ޑޯޒްތަކެއް ގަނެ އެގައުމުގެ ރައްޔިތުންނަށް ދޭން ފަށާފައެވެ.

ޑަބްލިއުއެޗްއޯގެ ކޯވެކްސް ވެކްސިންގެ ދަށުން ވެކްސިން ދިނުމުގައި އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ ފަގީރު ގައުމުތަކަށެވެ.