ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯކަރަންސީ އެކްސްޗޭންޖް ކަމަށްވާ ބައިނޭންސަށް ދިން ރެކޯޑު ސައިބާ ހަމަލާއަކަށް ފަހު، އިއްޔެ ފައިސާ ނެގުމުގެ ހިދުމަތް އަލުން ފެށުމާއެކު އެ ކުންފުނި ބޭނުންކުރާ ފަރާތްތަކުން 3.6 ބިލިއަން ޑޮލަރު ނަގައިފިއެވެ.
ބްލޫމްބާގުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފައިސާ ނެގުމުގެ ހުއްދަ އަލުން ދިނުމުން ސާފު އަދަދުގެ ގޮތުގައި 3.6 ބިލިއަން ޑޮލަރުގެ ކްރިޕްޓޯ އެސެޓް ވަނީ ނަގައިފައެވެ. އަދި ބައިނޭންސުން ބުނި ގޮތުގައި، އިއްޔެ ޖީއެމްޓީ ގަޑިން 15:30 އާ ހަމައަށް ޖުމުލަ 4.6 ބިލިއަން ޑޮލަރު ނަގައި 1 ބިލިއަން ޑޮލަރު ޖަމާކޮށްފައިވާއިރު، ސާފުކޮށް ނެގި ފައިސާގެ އަދަދު ވަނީ 3.64 ބިލިއަން ޑޮލަރަށް އަރައިފައެވެ.
މި ހާދިސާއާ ގުޅޭ ގޮތުން ބައިނޭންސުން ހުކުރު ދުވަހު ބުނީ، އެ ކުންފުނީގެ ހޮޓް ވޮލެޓްތަކަށް ދިން ހަމަލާއެއްގައި ކަސްޓަމަރުންގެ 6.3 ބިލިއަން ޑޮލަރުގެ ޓޯކަން އެސެޓަށް އަސަރުކޮށްފައިވާ ކަމަށެވެ. މިއީ ތާރީހުގައިވެސް ހިނގި އެންމެ ބޮޑު ކްރިޕްޓޯ ވައްކަން ކަމަށާއި، އޭގެ ތެރެއިން ގާތްގަނޑަކަށް 3 ބިލިއަން ޑޮލަރު އޮން-ޗެއިންގައި ހިފަހައްޓާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި ހަމަލާއާ ގުޅިގެން ތިން ދުވަސް ވާންދެން ފައިސާ ނެގުން މެދުކަނޑާލުމަށް ފަހު، މަރުހަލާތަކަކަށް ބަހާލައިގެން އެ ހިދުމަތް އަލުން ފެށީ އިއްޔެއެވެ.
ބައިނޭންސުން ބުނީ، އެކްސްޗޭންޖުން ނެގި 3.64 ބިލިއަން ޑޮލަރަކީ އެ ކުންފުނިން ބަލަހައްޓާ 171 ބިލިއަން ޑޮލަރުގެ އެސެޓުގެ އެންމެ 2.1 އިންސައްތަ ކަމަށާއި، ފައިސާ ނެގުމުގެ މުއާމަލާތްތައް މިހާރު ހަމަޔަކަށް އެޅިފައިވާ ކަމަށެވެ.
ވަގަށް ނެގި އެސެޓުތަކުގެ 95 އިންސައްތަ މިހާރު ކަވަރުކޮށް، ބާކީ ހުރި ސިސްޓަމްތައް ޓެސްޓުކުރަމުން އަންނަކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. ނަމަވެސް ކްރިޕްޓޯ އެނަލިޓިކްސް ޕްލެޓްފޯމް ޑިފާއިލާމާއިން ބުނި ގޮތުގައި، އެ ކުންފުނިން ނެގި ފައިސާގެ އަދަދު 5.81 ބިލިއަން ޑޮލަރަށް އަރައެވެ. އަދި ފާއިތުވި ހަތް ދުވަހުގެ ތެރޭގައި 10.41 ބިލިއަން ޑޮލަރު ނެގި ކަމަށް ޑިފާއިލާމާގެ ތަފާސްހިސާބުތަކުން ދެއްކި ނަމަވެސް، އޭގެ ތެރޭގައި އެތެރޭގެ މުއާމަލާތްތައް ހިމެނިދާނެތީ އެއީ ކަސްޓަމަރުން ނެގި ފައިސާކަން ކަށަވަރުވެފައެއް ނުވެއެވެ. މި އަދަދުތަކާ ގުޅޭ ގޮތުން ބައިނޭންސުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
ބަންގްލަދޭޝް
ރިޕޯޓް
އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު
ކޮމެންޓް