ނިއުޒީލެންޑާއި އޮސްޓްރޭލިއާއިން ޓްރާންސިޓް ވިސާ ދިނުމަށް ދެކޮޅުހެދުމުން، ސްރީލަންކާގެ އަންހެނަކު ކުކް އައިލެންޑްސްގައި ތާށިވެއްޖެއެވެ. ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އުމުރުން 50 އަހަރުގެ ރުޗިރާ ރަނަސިންހަ އެ ގައުމުގެ އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ރަރޮޓޮންގާގައި ތާށިވެފައި ހުންނަތާ މިހާރު ވަނީ ތިން އަހަރު ވެފައެވެ.

އޭނާގެ ހަމައެކަނި ފިރިހެން ދަރިފުޅުގެ ކައިވެންޏަށް މި ނޮވެންބަރު މަހު އެނބުރި ގައުމަށް ދިއުމަށް ބޭނުންވާ ކަމަށާއި، ކުކް އައިލެންޑްސްގެ އިމިގްރޭޝަން ގަވާއިދުތަކުގެ ދަށުން އޭނާއަކީ މިހާރު ވިސާގެ މުއްދަތު ހަމަވެފައިވާ މީހެއް ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

ރަނަސިންހަ ބުނާ ގޮތުގައި، ޑިސެންބަރު 2022 ގައި ދެ މަސްދުވަހުގެ ވިޒިޓާ ވިސާއެއްގައި ނިއުޒީލެންޑަށް ދިއުމަށްފަހު އޭނާ ވަނީ ހިމާޔަތަށް އެދިފައެވެ. އިމިގްރޭޝަން އެޑްވައިޒަރެއްގެ ލަފާގެ މަތިން ވަޒީފާގެ ވިސާއަކަށް އެދުމަށް 2023 ވަނަ އަހަރު ވަގުތީ ގޮތުން ކުކް އައިލެންޑްސްއަށް ދިއުމުން، ކުރިން އޮތް ވިސާގެ ޝަރުތުތަކާ ހިލާފުވެފައިވާތީ އޭނާގެ ހުށަހެޅުން ގަބޫލެއް ނުކުރިއެވެ. އޭގެ ފަހުން ނިއުޒީލެންޑްގެ ޓްރާންސިޓް ވިސާއަށް ތިން ފަހަރު އަދި އޮސްޓްރޭލިއާގެ ޓްރާންސިޓް ވިސާއަށް ހަތަރު ފަހަރު އެދުމުން ވެސް އެ ހުށަހެޅުންތައް ވަނީ ގަބޫލު ނުކޮށް ދޫކޮށްލައިފައެވެ.

ނިއުޒީލެންޑް އިމިގްރޭޝަނުން ބުނާގޮތުގައި، ރަނަސިންހަގެ ހަގީގީ މަގުސަދަކީ ހަމައެކަނި އެ ގައުމު މަގުން ދަތުރުކުރުން ކަމަށް ގަބޫލެއް ނުކުރެވެއެވެ. ވިސާ ނުދިނީ އެހެންވެ ކަމަށާއި، އެހެން މަގުތަކެއް އިހުތިޔާރުކުރުމަށް އޭނާއަށް ލަފާދީފައިވާނެ ކަމަށެވެ. އެހެން އެއްވެސް ނިޔަތެއް ނެތްކަން ސާބިތުކޮށްދިނުމަށް، ފްލައިޓަށް އަރާންދެން ބިޑިއަޅުވައިގެން ނުވަތަ ބަންދުކޮށްގެން ގެންދިއުމަށް ވެސް އެއްބަސް ކަމަށް ރަނަސިންހަ ވަނީ ބުނެފައެވެ. ނަމަވެސް ނިއުޒީލެންޑްގެ އިމިގްރޭޝަން މިނިސްޓަރުގެ އޮފީހުން ބުނެފައިވަނީ، ބިޑިއެޅުވި ނަމަވެސް ނުވަތަ ފާރަވެރިޔަކާ އެކު ގެންދިޔަ ނަމަވެސް، އަލުން ހިމާޔަތަށް އެދި ހުށަހެޅުމުގެ ފުރުސަތު އެކަމުގެ ސަބަބުން ނުގެއްލޭނެ ކަމަށެވެ.

އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ހޯމް އެފެއާޒުން މި މައްސަލައާ ގުޅޭ ގޮތުން ވަކި އެއްޗެއް ބުނެފައި ނުވާއިރު، އެ އިދާރާއިން ބުނީ އެ ގައުމަށް އެތެރެވާ ކޮންމެ ބިދޭސީއަކު ވެސް ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ.