ހަޝޯގީ މަލާރާފައިވަނީ ވަލީއަހުދު ސަލްމާންގެ އޯޑަރަށް ކަމަށް އެމެރިކާ އިން ބުނެފިއެވެ.
އެމެރިކާއިން ނެރެފައިވާ އިންޓެލިޖެންސް ރިޕޯޓެއްގައިވާ ގޮތުން 2018 ވަނަ އަހަރު ތުރުކީގައި ހުންނަ ސައުދީ އެމްބަސީ ތެރޭގައި ނޫސްވެރިޔާ ޖަމާލް ހަޝޯގީ މަރާލުުމަށް ނުވަތަ ހައްޔަރުކުރުމަށް ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އޯޑަރުކުރައްވާފައިވާ ކަމަށް ފާހަގަކޮށްފައެވެ.
ރިޕޯޓުގައި ވާގޮތުން ހަޝޯގީ މަރާލުމުގެ އޮޕަރޭޝަންގައި އަމަލީ ގޮތުން ވަލީ އަހުދު ބައިވެރިވުމުގެ އިތުރުން ވަލީ އަހުދަށް މަދަދު ދޭ ސަރުކާރުގެ ބަޔަކުވެސް އެ އޮޕަރޭޝަންގައި ބައިވެރިވިކަން ހާމަވެފައިވާ ކަމަށް ބުނެފައިވެއެވެ.
އެމެރިކާގެ އެރިޕޯޓަށް ސައުދީއިން ވަނީ ފާޑުކިޔައިފައެވެ. ސައުދީ އިން ވަނީ މިއީ ދޮގުމައުލޫމާތު ހިމެނޭ ރިޕޯޓެއްކަމަށާއި ރިޕޯޓު ގަބޫލު ނުކުރާނެ ކަމަށް ބުނެފައެވެ.
ވަލީ އަހުދު ސަލްމާން ވެސް ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތު ދޮގުކުރައްވާފައެވެ.
ސައުދީ އިން އޭރުވަނީ ހަޝޯގީގެ މަރަށްފަހު އޮޕަރޭޝަންގެ ބައިވެރިން އަނބުރާ ސައުދީ އަށް ދިއުމުން ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ފަސްމީހަކު 20 އަހަރަށް ޖަލަށް ލުމަށްވެސް ކޯޓުން ހުކުމްކޮށްފައި ވެއެވެ.
ހަޝޯގީގެ ލޯބިވެރިޔާ ހަތީސް ސެންގިޒް ވަނީ މީގެ ކުރިން ހަޝޯގީގެ މަރުގެ މައްސަލައިގައި ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އިތުރުން އިތުރު ބަޔަކާ ދެކޮޅަށްވެސް ކޯޓުގައި ދައުވާ ކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ.
ޚަޝޯގީ ފާހަގަކޮށްލެވެނީ ސައުދީގެ ވަލީއަހުދުގެ ސިޔާސަތުތަކަށް ފާޅުގައި ވަރަށް ބޮޑަށް ފާޑުކީ ނޫސްވެރިއެއްގެ ގޮތުގައެވެ. ސައުދީން ޚަޝޯގީ ހައްޔަރުކުރުމަށް މަސައްކަތް ކޮށްފައިވާ އިރު، އޭނާ މަރުވިއިރު ހުރީ އެމެރިކާގެ ހިމާޔަތުގެ ދަށުގައެވެ.
ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލޭޓަށް ޚަޝޯގީ ދިޔައީ އޭނާގެ ލޯބިވެރިޔާއާ އެކުގައެވެ. އޭނާގެ ލޯބިވެރިޔާ ބުނެފައި ވަނީ އެ އިމާރާތަށް ޚަޝޯގީ ވަން ފަހުން، ނުނިކުންނަ ކަމަށެވެ. ތަހުގީގުން ހާމަވިގޮތުގައި ހަޝޯގީ މަރާލާފައިވަނީ ކޮންސުލޭޓު ތެރޭގައެވެ. މަރާލުމަށްފަހު ހަޝޯގީގެ ހަށިގަނޑު ނައްތާލާފައިވާކަމަށް ވަނީ ތަހުގީގަށް ސާބިތު ވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ