ޚަބަރު

އަދުރޭ އާއި ޣައްސާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން މާލޭގައި މިއަދު ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން އެ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، އަދުރޭ އާއި ޣައްސާންގެ އިތުރުން މިއަދުގެ މުޒާހަރާގެ ތެރެއިން ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ނިމާލް އާއި ކުރީގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ވެސް ފުލުހުން މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުންނާ ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިއަދުގެ މުޒާހަރާގެ ތެރެއިން ޖުމުލަ 28 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ކޮވިޑު ހުއްޓުވުމުގެ ގޮތުން އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިނާ ހިލާފަށް އެއްވެސް ހަރަކާތެއް ބާއްވާނަމަ އެކަން ހުއްޓުވާނެ ކަމަށް ފުލުހުން އިންޒާރު ދީފައިވަނިކޮށް، މަގުތަކަށް ނުކުމެ މުޒާހަރާ ކުރުމުންނެވެ.