ހެޔޮ އަމަލު ގިނަކުރުމަކީ ފާފަތައް ފުހެވިގެންދާނޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

"ﷲގެ ތަނަވަސް ރަހުމަތްފުޅު" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ﷲ އީ އަޅުތަކުންނަށް އިންތިހާ ދަރަޖައަށް ރަހުމް ކުރައްވާ ރަސްކަލާނގެ ކަމަށާއި އިންސާނާއަށް ﷲ ދެއްވާފައިވާ ނިއުމަތްތަކުގެ ގިނަ ކަމާއި ސިއްރާއި ފާޅުގައި އޭނާއަށް ލައްވައި ރަހުމަތުގެ ބޮޑުކަމުން އެކަން ބަލައި ހިސާބު ކުރުމަކީ އިންސާނަކަށް ކުޅަދާނެ ކަމެއް ނޫން ކަމަށެވެ.

އަދި މައިމީހާ، އޭނާގެ ތުއްތު ދަރިފުޅަށް ރަހުމްކުރާވަރަށް ވުރެ މާ ބޮޑަށް، ﷲ ތައާލާ އެކަލާނގެ އަޅުތަކުންގެ މައްޗަށް އޯގާވެރިވެ ވޮޑިގަންނަވާ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

މި ދުނިޔޭގައި ﷲ ގެ ރަހުމަތްފުޅު ވަނީ އެންމެހައި އަޅުތަކުންގެ މައްޗަށް އާންމުވެ ޝާމިލުވެގެންކަން ފާހަގަކޮށް ހުތުބާގައި ބުނީ، އަޑުތަކާއި ބިމުގައި ވާހާ އެއްޗެއް ﷲ އުފައްދާފައިވަނީ އެ ތަކެތީން އިންސާނުން ފައިދާ ލިބިގަތުމަށްޓަކައި ކަމަށެވެ.

އަދި ﷲގެ ރަހުމަތްފުޅު ނުވާނަމަ މި ދުނިޔެމަތީގައި އެއްވެސް މީހަކަށް ނޭވާ ވެސް ނުލެވޭނެ ކަމަށާއި އެއްވެސް މީހަކަށް ބޯނޭ ފެންފޮދެއް ނުލިބި، ބަލިވެއްޖެނަމަ ޝިފާއެއް ވެސް ނުލިބޭނެ ކަމަށް ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ، ކުރެވިފައިވާ ފާފަތަކުގެ ގިނަކަމުން މާޔޫސްވާކަށް ނުޖެހޭނެ ކަމަށާއި ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައި ވީނަމަވެސް އިހުލާސްތެރިކަމާއެކު ތައުބާވެ ހެޔޮ އަމަލު ކުރުމުން އެންމެހައި ފާފަތައް ﷲ ފުއްސަވައި ދެއްވާނެކަން އަންގަވާފައިވާ ކަމަށެވެ. އަދި ހެޔޮ އަމަލު ގިނަކުރުމަކީ ފާފަތައް ފުހެވިގެންދާނޭ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ. "ހަމަކަށަވަރުން، ހެޔޮކަންތައް، ނުބައިކަންތައް ނެތިކޮށްލަތެވެ."

އަޅުތަކުންނަށް އޯގާތެރިވެ ރަހުމު ކުރުމަށް ގޮވާލައި ހުތުބާގައި ބުނީ، އަޅުތަކުންނަށް ރަހުމު ކުރާ މީހުންނަށް ﷲގެ ތަނަވަސް ރަހުމަތްފުޅު ދުނިޔެ އާއި އާހިރަތުގައި ލިބޭނެ ކަމަށް އެކަލާނގެ އަންގަވާފައިވާ ކަމަށެވެ.