ވިޔަފާރި

އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ގޮއިދޫއަށް

ސަތޭކަ އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑުތަކާއެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ށ. ގޮއިދޫއަށް މިއަދު ތައާރަފުކޮށްފިއެވެ.

އުރީދޫން ބުނީ، ހަލުވި ސްޕީޑުތަކާއި ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖުތަކުގެ އިތުރުން ސުޕަނެޓުގެ ހިދުމަތް ގޮއިދޫން ގަންނަ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސް ވެސް ލިބޭނެ ކަމަށެވެ.

އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، ފާއިތުވި އަހަރުތެރޭގައި ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރާ އަދަދު އެތައް ގުނައެއް އިތުރުވެފައިވުމާއެކު އިންޓަނެޓަށް ބަރޯސާވާ މިންވަރު ވެސް އިތުރުވެ، އަސާސީ ހިދުމަތަކަށް އެކަން ވެފައިވާ ކަމަށެވެ. އަދި ކުދިންގެ ކިޔެވުމަށާއި ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި ސިއްހީ ހިދުމަތް ހޯދުމަށް އަދި ވިޔަފާރި ކުރުމަށް ވެސް އިންޓަނެޓުގެ ބޭނުން ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

"އެހެންކަމުން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ބޭފުޅުންނަށް ވެސް ފެންވަރު ރަނގަޅު އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުމަކީ އެންމެ މުހިންމު ކަމެއްކަމުގައި ދެކިގެން. މިއަދު އުރީދޫ ހޯމް ބްރޯޑްބޭންޑު، ސުޕަނެޓުގެ ހިދުމަތް ށ. ގޮއިދޫގެ ރައްޔިތުންނަށް ފޯރުކޮށްދީ އިތުރު ފުރިހަމަކަމާއެކު އިންޓަނެޓު ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށް ކުރިއެރުން ހޯދައިދިނުމަށް އުރީދޫން ކުރަމުން އަންނަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަނެޓު ޕެކޭޖުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގުރޭޑުކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 68 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑު ވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ.

އުރީދޫގެ ސުޕަނެޓްގެ ހިދުމަތް ހޯދުމަށް ނުވަތަ ސުޕަނެޓް ޕެކޭޖުތަކާބެހޭ އިތުރު މައުލޫމާތު http://ore.do/getsupernet އިން ލިބޭނެ އެވެ.