ކުޅިވަރު

ހުއްދި ދީފި، ފަރިތަކުރުންތައް ފަށާނީ ދެ ހަފުތާ ފަހުން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުގެ ފަރިތަކުރުންތައް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަ ދީފިއެވެ.

އެޗްޕީއޭ އިން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) މެދުވެރިކޮށް ކްލަބުތަކަށް ފަރިތަކުރުންތައް ފެށުމަށް ހުއްދަ ދީފައިވަނީ ކުރިން ވެސް އެކުލަވާލާފައިވާ ގައިޑްލައިންއާ އެއްގޮތަށެވެ. މާލެ ސަރަހައްދުގައި މިހާރު ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ އެޗްޕީއޭ އިން ބަލި ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ކްލަބުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އަމަލުތައް ބެހެއްޓުމާއި ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރަން އެޗްޕީއޭ އިން ވަނީ އަންގައިފައެވެ.

ފަރިތަކުރުންތަކަށް ހުއްދަ ދިން ނަމަވެސް، މިހާރު މާލެ ތެރޭގައި ކޮވިޑް-19ގެ ހާލަތު އޮތް ގޮތުން، ފަރިތަކުރުންތައް ފެށުން މަޑު ޖައްސާލަ ދިނުމަށް އެޗްޕީއޭ އިން އެދިފައިވާއިރު، ކްލަބުތަކުގެ ފަރިތަކުރުންތައް ފެށުމަށް އަދި ތާވަލުކޮށްފައިވަނީ ދެ ހަފުތާ ފަހުންނެވެ. އެއީ އެފްއޭއެމްގެ ފަރާތުން ކްލަބުތަކުގެ ކިބައިން އެދިފައިވާ ގޮތެވެ.

"ހުއްދަ ދީފައި އޮތީ ފަރިތަކުރުންތައް ފެށުމަށް. އެކަމަކު އެފްއޭއެމް އެދިފައިވަނީ ދެ ހަފުތާ ފަހުން ފަރިތަކުރުންތައް ފަށަން. އެއީ މިހާރު މާލޭގެ ހާލަތަށް ބަލާފައި ކަމަށް ބެލެވެނީ،" ފުރަތަމަ ޑިވިޝަން ކްލަބެއްގެ އިސް އޮފިޝަލަކު "ވަން" އަށް ވިދާޅުވިއެވެ.

ރާއްޖެއަށް ކޮވިޑުގެ ތިންވަނަ ރާޅެއް އައުމާއެކު މާލެ ސަރަހައްދުގެ ހުރިހާ ކުޅިވަރު މުބާރާތްތައް ހުއްޓާލަން އެޗްޕީއޭ އިން ވަނީ އަންގައިފައެވެ. އެ އެންގުމާއެކު ރާއްޖޭގެ ފުޓުބޯޅަ ވެސް އަނެއްކާ ހުއްޓުމަކަށް އައިސް، ދިވެހި ޕްރިމިއާ ލީގާއި ތިންވަނަ އަދި ދެވަނަ ޑިވިޝަން ވެސް މުއްދަތެއް ނެތް ގޮތަށް ވަނީ ފަސްވެފަ އެވެ.

މިދިޔަ ސީޒަން ވެސް މެދުތެރެއިން ހުއްޓާލައި، ކެންސަލް ކުރަން ޖެހިފައި އޮތް އޮތުމުން ކްލަބުތަކަށް ހަމަ ނޭވާއެއް ނުލެވިގެން އުޅެނިކޮށް، ލީގު އަލުން ހުއްޓާލުމާއެކު ހުރިހާ ކްލަބުތަކާއި ކުޅުންތެރިން އަދި ކޯޗުން ވެސް ވަނީ އެކަމުގައި ބޮޑެތި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކްލަބުތަކާއި ކުޅުންތެރިން އަދި ކޯޗުން ވެސް ފުޓުބޯޅަ ހުއްޓާލުމުން ދިމާވާ ދަތިތައް ހާމަކޮށް، މީޑިއާއަށް މައުލޫމާތު ވެސް ދީފައިވާއިރު، ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކޮށް، ދަތިތައް ހިއްސާ ކޮށްފައިވެއެވެ. ރައީސް ސޯލިހު ވިދާޅުވެފައިވަނީ ކްލަބުތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އޭގެ ފަހުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވަނީ ރައީސް ސޯލިހުގެ އިތުރުން އެޗްޕީއޭގެ އިސް ބައެއް ބޭފުޅުންނާ ބައްދަލުކުރައްވައި ލީގު ފެށުމަށް މަސައްކަތްތަކެއް ކުރައްވައިފައެވެ. އެފްއޭއެމް އާއި ސަރުކާރާއެކު ކުރެވުނު މަސައްކަތުގެ ތެރެއިން ކްލަބުތަކުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވެސް މިހާރު ވަނީ ވެކްސިން ވެސް ޖަހައިފައެވެ.