ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި ޏ. ފުވައްމުލައް/ މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ގޭބަންދަށް ބަދަލުކުރަން ނިންމި ނިންމުން ބާތިލުކޮށް، އޭނާ އަލުން ޖަލު ބަންދަށް ބަދަލުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި އަމީން ހައްޔަރުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އަމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއަކާއި ޓެރަރިޒަމް އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާއެކެވެ.

ބަންދު މުރާޖައާ ކުރުމަށް ކްރިމިނަލް ކޯޓުގައި މިމަހުގެ ތިންވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އަމީން ގޭ ބަންދަށް ބަދަލުކުރީ އޭނާއަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ ކަމަށް ބުނެ ހުށަހެޅި މައްސަލަ ބެލުމަށްފަހުއެވެ. އަދި އޭނާ ގޭ ބަންދަށް ބަދަލުކުރީ ގެއިން ބޭރަށް ނުދިއުމަށާއި ޝަރީއަތަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށްފައެވެ.

އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އަމީން ޑޮކްޓަރަށް ދެއްކުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން އަމަލުކޮށްފައިވާ ގޮތްތަކަށް ބެލުމުން އޭނާއަށް ދިމާވެފައިވާ ބަލިތަކަށް ފަރުވާ ދިނުމަށް ދައުލަތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައިވާކަން އެނގޭ ކަމަށެވެ. އަދި ދައުލަތުން ހުށަހަޅާފައިވާ ލިޔުންތަކަށް ބެލުމުން އަމީނަކީ އަވަސް ފަރުވާ ލިބެންޖެހޭ ސިއްހީ ހާއްސަ ހާލަތެއްގައި ހުރި ފަރާތެއް ނޫން ކަމާއި އޭނާއަށް ފަރުވާ ނުދެވިއްޖެނަމަ ފުރާނައަށް ނުރައްކާވާފަދަ ބައްޔެއް އެހާތަނަށް ހުރިކަން އޭނާ ބެލި އެއްވެސް ޑޮކްޓަރެއް ފާހަގަކޮށްފައި ނުވާ ކަމަށެވެ.

މީގެ އިތުރުން މި މައްސަލައިގައި ފެންނަން ހުރި ކަންކަމުގެ މައްޗަށް ބަލާއިރު، އަމީނަށް ގަސްދުގައި ފަރުވާނުދީ ޖަލުގެ އޮފިސަރުން އެކަމާ ދެކޮޅު ހަދައި ލަސްކޮށްފައިވާކަންވެސް އެނގެންނެތް ކަމަށްވެސް ހުކުމުގައިވެއެވެ.

ހުކުމުގައި ވަނީ ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ގޮތުގައި ބަންދު ކުރުމަކީ ޖިނާއީ އިޖުރާއަތުގެ ދަށުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުގައިވާ މީހާ ކަފާލާތުގެ ދަށުން ނުވަތަ ޝަރުތުކޮށް ދޫކޮށްލާއިރު، "ގޭގައި ހުރުމަށް ކަނޑައަޅާފައިވާ ވަގުތުތަކުގައި އެގޮތަށް އަމަލުކުރުމަށް ޝަރުތުކޮށް" ބަންދުން ދޫކޮށްލެވިދާނެ ކަމަށެވެ. ނަމަވެސް މި ހާލަތުގައި އަމީންގެ މައްޗަށް ޝަރުތުކޮށް ގޭގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް ކޮށްފައިވާ އަމުރެއް ކަމުގައި ބެލެވެން ނެތް ކަމަށްވެސް ހުކުމުގައިވެއެވެ.

އެކަންކަން ފާހަގަކޮށް، ހުކުމުގައިވަނީ އަމީން ގޭ ބަންދަށް ބަދަލު ކުރަން ނެރުނު އަމުރު ބާތިލުކޮށް، އަދި އޭނާ ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބަހައްޓަން ނެރެފައިވާ އަމުރު ދަމަހައްޓާ ކަމަށެވެ. އެކަމަކު އަމީން ޖަލުގައި ބަންދުކޮށްފައި ހުންނައިރު، އޭނާގެ ބަލީގެ ހާލަތަށް ރިއާޔަތްކޮށް އެހާލަތު އިތުރަށް ބޮޑުވެގެން ނުދާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށާއި އޭނާގެ ބައްޔަށް ފަރުވާކުރުމަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށާއި އަމީނަށް ލިބިގެންވާ އަސާސީ ހިދުމަތަތައް އޭނާއަށް ލިބޭނެ އިންތިޒާމު ކަރެކްޝަންސް އިން ހަމަޖައްސަން އަންގާ ކަމަށްވެސް އެ ހުކުމުގައިވެއެވެ.

ފުލުހުން މީގެ ކުރިން ބުނީ އަމީނަކީ ގިނަދުވަސްތަކެއް ވަންދެން ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކަށާއި ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ރާއްޖެއިން މީހުން ރެކްރޫޓްކޮށް، ހަނގުރާމައަށް މީހުން ފޮނުވަން އަމަލީގޮތުން ހަރަކާތްތެރިވެ، އެކަމަށް އެހީތެރިވެދީ ވާގިވެރިވަމުންދާ މީހެއް ކަމަށެވެ.

އޭގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވުމުގެ ގޮތުން މާލީ އަދި ޓެކްނޮލޮޖިކަލް ސަޕޯޓު ދިނުމުގެ އިތުރުން، ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ އިސްފަރާތްތަކާވެސް އަމީން ގާތް ގުޅުމެއް ބާއްވާކަމަށް ފުލުހުން ބުނެފައިވެއެވެ.

އަމީނަކީ ރަހީނުކޮށް މަރާލި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި މަރުތައް ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި، ރާއްޖޭގެ އައިއެސް ގޮފީގެ ލީޑަރުގެ ގޮތުގައި ފާހަގަކޮށްފައިވާ މީހާއެވެ.

އަމީން ވަނީ އެމެރިކާއިން ކަނޑައަޅާ ޓެރަރިސްޓުންގެ ލިސްޓުގައިވެސް ހިމެނިފައެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި އެ ލިސްޓުގައި ދިވެއްސަކު ހިމެނުނު އެއީ ފުރަތަމަ ފަހަރެވެ.