ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކ. ގުރައިދޫގައި ސެލްފު ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ހުޅުވައި ހިދުމަތްދޭން ފަށައިފި އެވެ.
ބީއެމްއެލް އިން ބުނީ މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.
ގުރައިދޫގައި ފެށި އޭޓީއެމް ހިދުމަތާއެކު މާލޭ ސިޓީގައި ގާއިމުކޮށްފައިވާ ބޭންކިިން ހިދުމަތްތަކުގެ އިތުރުން މިވަގުތު ކ. އަތޮޅުގައި ދެ ބުރާންޗެއް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެމުންދާއިރު، ހަތަރު ރަށެއްގައި ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް ވަނީ ގާއިމުކޮށްފަ އެވެ.
ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ގުރައިދޫގައި ހުޅުވި އޭޓީއެމް ސެންޓަރުން ދައްކުވައި ދެނީ އަތޮޅު ތެރޭގައި ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމާއި ބޭންކިން ހިދުމަތް ފުޅާކުރުމަށް ބޭންކުން ކުރަމުން އަންނަ މަސައްކަތް ކަމަށެވެ. އަދި މި އޭޓީއެމްގެ ހިދުމަތަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާ މުޅި ރާއްޖޭގެ ރައްޔިތުންގެ މަންފާއަށް ކުރެވެމުން އަންނަ އިންވެސްޓްމަންޓް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް ވިދާޅުވި އެވެ.
މިދިޔަ އަހަރު ބޭންކުން ވަނީ ނުވަ ރަށެއްގައި އަލަށް ސެލްފު ސާވިސް ބޭންކިން އޭޓީއެމް ސެންޓަރު ހުޅުވައި އިތުރު ފަސް ރަށެއްގައި ބެެހެއްޓިފައިހުރި އޭޓީއެމް ސެލްފު ސާވިސް ބޭންކިން ހިދުމަތްތައް ލިބޭނެހެން ބަދަލު ގެނެސްފަ އެވެ.