ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަ ނުކޮށް މަކަރާއި ހީލަތުން ގިނަބައެއްގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވާ މައްސަލައިގެ ތަހުގީގަށް، ސީލައިފް ގްލޯބަލްގެ އެއް ޑިރެކްޓަރު ވ. ތިނަދޫ، ރެޑްހައުސް، އާފިޔާ މޫސާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ކުރިމިނަލް ކޯޓުގައި އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅުއްވަމުން އާފިޔާގެ ވަކީލު ހަސަން ފަލާހު ވިދާޅުވީ، އާފިޔާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ދަމަހައްޓަން ހައިކޯޓުން ހުކުމް ކުރީ ގާނޫނުއަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށެވެ.
އެކަމުގެ ތަފްސީލު ދެއްވަމުން އޭނާ ވިދާޅުވީ އެ މައްސަލައަކީ މަދަނީ ހުޝޫމާތުގެ ތެރެއިން އުފެދިފައިވާ މައްސަލައެއް ކަމަށެވެ. މަދަނީ އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ ޒިންމާއެއް އަދާ ނުކޮށްގެން އެއްވެސް މީހަކު ހައްޔަރުކޮށް ބަންދުކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގެ 55 ވަަނަ މާއްދާގައި ބުނާ ކަމަށެވެ.
މަދަނީ އެއްބަސްވުމުގެ ދަށުން ޖިނާއީ ކަންތައްތަކެއް އުފެދިދާނެ ކަމަށާއި، އެހެންނަމަވެސް، އެ އެއްބަސްވުމުގެ ދަށުން ނަގަންޖެހޭ ފައިސާތަކެއް، ކުންފުންޏެއްގެ ފަރާތުން ހައުސިން ޕްރޮޖެކްޓަކާ ގުޅިގެން ނެގުމަށްފަހު، އެ ފައިސާ ނުދެވުމަކީ، އެކަމުގައި މަކަރާއި ހީލަތް ހެދުމުގެ އެލެމެންޓެއް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން ނެތް ހާލަތެއްގައި، ޖިނާއި ދައުވާއެއްކޮށް، އެފަދަ ތުހުމަތެއްކޮށް އެ ތުހުމަތުގެ ތެރެއިން މީހެއްގެ ޕާސްޕޯޓު ހިފަހައްޓާނީ ކޮން ގޮތަކަށްތޯވެސް އޭނާ ސުވާލު ކުރެއްވިއެވެ.
އޭނާ ވިދާޅުވީ އެ މައްސަލައިގައި ފުލުހުން ދެކަމެއް ފާހަގަކުރާ ކަމަށެވެ.
އެއްކަމަކީ ހުޅުމާލޭގައި އަޅަން އުޅުނު 3000 ފުލެޓް އިމާރާތުގެ ބުކިންފީގެ ގޮތުގައި ފައިސާތަކެއް ނެގި މައްސަލަ ކަމަށާއި ނަމަވެސް އެއްބަސްވުމެއްގެ ދަށުން ފައިސާ ނެގުމަކީ ހުއްދަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސީލައިފް ގްލޯބަލްގެ ފަރާތުން ނަގާފައިވާ ފައިސާ އަކީ ނެގޭނެ ފައިސާއެއް ނޫން ކަމަށް ޝަރުއީ އެއްވެސް ކޯޓަކުން ކަނޑަައަޅާފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެެކަމަށް ނެގި ފައިސާއަށް ޒިންމާވާން ޖެހޭނީ އެޗްޑީސީންނާއި ދައުލަަތުން ކަމަށް އެފަރާތުން ބުނެ އެ މައްސަލައިގެ ތެރޭގައި ހިމެނޭ އެންމެހައި ފައިސާތައް އާންމު ފަރާތްތަކަށް ދައްކަން ދައުލަތުން ކުރިމިނަލް ކޯޓުގައި އެއްބަސްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން ދައުލަތުގެ ފަރާތުން ސެޓްލްމެންޓް އެގްރީމެންޓުގެ ދަށުން އެފަރާތްތަކަށް ފްލެޓް ދޭގޮތަށް މައްސަލަ ނިމިގެންދިޔައީ ކީއްވެގެންތޯ ބަލާއިރު، އެޗްޑީސީއަށް ގޯސްތަކެއް ހެދި ދައުލަތުންވެސް އެކަން ގަބޫލުކުރާތީ އެފައިސާ އާންމު ފަރާތްތަކަށް ދީފައިވާކަން، ފެންނަން އޮންނަ ކަމަށްވެސް ވިދާޅުވިއެވެ. އަދި މަކަރާއި ހީލަތުން ފައިސާތަކެއް ނެގި ކަމަށް ތުހުމަތު ކުރާއިރު ދައުލަތުގެ އިންސްޓިޓިއުޝަންތަކުން އެކަމަށް އެއްބަސްވެ، އެ ފައިސާ ދައްކާފައިވާތީ މިހާރު އެ މައްސަލައިގައި ކުރެވޭނެ ތުހުމަތެއް ނޯންނާނެ ކަމަށް ވަކީލު ވިދާޅުވިއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި، ކްރެޑިޓް ސްވިސްގެ ސައްހަ ނޫން ބޭންކު ގެރެންޓީއެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރާއިރު، އެ ބޭންކު ގެރެންޓީއަކީ ޑީއެޗްއެލް މެދުވެރިކޮށް ރާއްޖެއަށް އައި ބޭންކު ގެރެންޓީއެއް ކަމަށާއި އެ ގެނައީ ކޮން ފަރާތްތަކެއްކަން އަދި އެފަރާތްތަކުގެ ހެކިބަސް ވެސް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން އޭނާ ވިދާޅުވީ އެ މައްސަލައިގައި އާފިޔާގެ މައްޗަށް ޖިނާއީ ތުހުމަތުކުރާނެ ޖާގައެއް ނެތި ފުލުހުން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ހައިކޯޓުން ނިންމާފައިވާއިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތައް ހައިކޯޓުން ނަގަހައްޓާފައިނުވާ ކަމަށެވެ. އެގޮތުން އާފިޔާ ފިލައިގެން ހިނގައިދާނެ ކަަމަށް ގަބޫލު ކުރެވޭ ހެއްކެއް ނެތި އަދި އެކަން އެގޮތަށް ކޮށްފާނެކަމަށް ބެލެވޭ ސަބަބެއް ނެތި އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
ތަހުގީގު ހިންގުމުގައާއި ޝަރީއަތް ކުރުމުގައާއި ހުކުމް ތަންފީޒު ކުރުމުގައި އެނޫން މީހެއްގެ ގާނޫނީ ހައްގަކަށް އަދި ގާނޫނީ ވާޖިބަށް ހުރަސް އަޅައިގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބުނާއިރު، އާފިޔާގެ ޕާސްޕޯޓް ހިފަހައްޓަން ޖެހޭ ސަބަބެއްގެ ގޮތުގައި، ސީލައިފްގެ ޑިރެކްޓަރުންގެ ތެެރެއިން އެކަކު (ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު، އައްމަޓީ) ރާއްޖޭން ބޭރަށް ދިއުމަށްފަހު ރާއްޖެ އައިސްފައިނުވާ މައްސަލަ ހައިކޯޓުން މައްސަލަ ނިންމި އިރު ބަޔާންކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެހެން މީހެއް ކުރި ކަމެއްގެ ސަބަބުން އާފިޔާގެ ޕާސްޕޯޓް ހިފެހެއްޓުމަކީ ގާނޫނުއަސާސީއާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.
ދައުލަތުގެ ފަރާތުން ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ ޝަނީޒާ ރިޔާޒު ވިދާޅުވީ، އާފިޔާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ޖިނާއީ ތުހުމަތަކާ ގުޅިގެން ކަމަށެވެ.
މި މައްސަލައަކީ ސީލައިފާއި އެޗްޑީސީއާ ދެމެދު 3000 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ގިނަ ބައެއްގެ އަތުން ގިނަ އަދެއްގެ ފައިސާ ނަގައި އެފައިސާއަށް ހިޔާނާތްތެރިވެ، ކުންފުނީގެ ފަރާތުން ފޯޖްކޮށްފައިވާ ބޭންކު ގެރެންޓީއެއް ހުށަހަޅާފައިވާތީ މަކަރާއި ހީލަތާއި ހިޔާނާތާއި ފޯޖަރީގެ ތުހުމަތު ކުރެވޭ ބޮޑު މައްސަލައެއް ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން މި މައްސަލައަކީ އެ ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލައެއް ކަމަށާއި، ކުންފުނީގެ އެހެން ޑިރެކްޓަރުންނެކޭ އެއްފަދައިން އާފިޔާވެސް އެ މައްސަލައިގެ ފުރިހަމަ ޒިންމާ ނަގަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އާފިޔާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކުރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި އޭނާ ރާއްޖޭގައި މަޑުކުރުވުމަށް ބޭނުންވާ ސަބަބުގެ ގޮތުގައި މި މައްސަަލައަކީ ގިނަ ބައެއްގެ މަސްލަހަތާއި، ގިނަ އަދަދެއްގެ ފައިސާ ހިމެނޭ މައްސަލައަކަށް ވާތީ މި މައްސަލައިގެ ތަހުގީގު ނުނިމެނީސް އޭނާ ރާއްޖޭން ބޭރަށް ފުރައިގެން ގޮސްފިނަމަ މައްސަލައިގެ ތަހުގީގަށް ހުރަސްއެޅި، ގިނަ ބައެއްގެ ހައްގުތައް ގެއްލިދާނެކަމަށް ހިމަނާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެއީ ގިނަ އަދަދެއްގެ ފައިސާގެ މައްސަލައަކަަށްވާތީ އޭނާ ރާއްޖޭން ބޭރަށް ފިލައިގެން ގޮސް އެފައިސާއިން ރާއްޖޭން ބޭރުގައި އުޅެފާނެކަމަށް ފާހަގަކޮށްފައިވާ ކަމަށާއި، އޭނާ ރާއްޖެ ދޫކޮށް ދާންއުޅޭ ކަމަށް ލިބިފައިވާ ހެކީގެ ގޮތުގައި އިންޓެލިޖެންސް ރިޕޯޓެއް ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ފުލުހުން ބުނީ ސީލައިފްގެ ތިން ޑިރެކްޓަރުންގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައިވާ ކަމަށެވެ.
އޭގެ ތެރެއިން އާފިޔާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ މުއްދަތު ހަމަވާނީ މާޗް މަހުގެ ތިންވަނަ ދުވަހަށް ކަމަށްވެސް ފުލުހުން ބުންޏެވެ.
ސީލައިފް ގްލޯބަލްގެ ހިޔާނާތުގެ މައްސަލައިގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ސްރީ ލަންކާއިން މިމަހު 22 ގައި ވަނީ ހައްޔަރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު