މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް ކުރާ ހަ ދައުވާގެ އަޑުއެހުން މިއަދު ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހިއްޖެ އެވެ.

މިއަދު 10:00 ޖަހާއިރަށް ތާވަލު ކުރި އެ މައްސަލައިގެ އަޑުއެހުން ފެށި ނަމަވެސް ކޯޓުން ލިބެންޖެހޭ ލިޔުމެއް ލިބިފައިނުވާތީ ނިހާންގެ ފަރާތުން ވަނީ އެކަން ޝަރީއަތުގެ ސަމާލު ކަމަށް ގެނަސްފަ އެވެ.

މައްސަލައިގެ ލިޔެކިޔުންތައް ލިބިފައިވަނީ އެހެން ސެކްޝަނަކުންކަން ފާހަގަކޮށް އެކަން ހިނގައިދިޔަ ގޮތް ސާފު ކޮށްދިނުމަށް ނިހާނުގެ ފަރާތުން އޭނާގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަހުމަދު ޝާހު އެދިވަޑައިގަތުމުން އެއީ ދައުވާ ރައްދުވާ ފަރާތައް އެނގެން ޖެހޭނެ މައުލޫމާތުތަކެއް ކަމަށް މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވި އެވެ.

"އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުވާކުރާ ހަ މައްސަލަ ވެސް އޮތީ މި ސެކްޝަނާ ހަވާލުކުރެވިފައި. އެހެން ނަމަވެސް ރެޖިސްޓްރާ ސެކްޝަނުން ދެއްވަންޖެހޭ ލިޔުމެއް، އެއް ސެކްޝަނުން އަނެއް ސެކްޝަނަށް ބަދަލުކުރިކަން އަންގައި ލިޔުން ދައުވާ ލިބޭ ފަރާތައް ލިބެންޖެހޭ. އިދާރީ އޮޅުމަކުން އެ ދޫނުކުރެވިފައިވާ ކަމަށް ދެންމެ މައުލޫމާތު ސާފުކޮށްލުމުން ވިދާޅުވީ،" ދިހަ ވަރަކަށް މިނިޓަށް ޝަރީއަތް މެދުކަނޑާލުމަށްފަހު ގާޒީ އަލީ އާދިމް ވިދާޅުވި އެވެ.

ނަމަވެސް ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ ލިޔުން ދެއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ކޯޓުން ފުރިހަމަ ކުރަންޖެހޭ ކަމެއް ފުރިހަމަނުކޮށް އޮތުމުން ގާޒީ ވަނީ މައްސަލަ މިއަދު ކުރިއަށް ގެންދިއުމާގުޅޭ ގޮތުން ދިފާއުން ދެކޭ ގޮތެއް އައްސަވައިފަ އެވެ. އަދި ނިހާނުގެ ފަރާތުން އެދިވަޑައިގަތީ މައްސަލައިގެ 'ސާފު ނުވާ' ބައެއް ލިޔެކިޔުންތައް ހުރުމުން އެކަން އިތުރަށް ސާފު ކުރުމަށް ވަގުތު ބޭނުންވާ ކަމަށެވެ.

ނިހާންގެ މައްޗަށް ދައުލަތުން ކުރަނީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ. އަދި މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނިހާން ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށްފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް ވަނީ އެދިފައެވެ.