ކޯވެކްސްގެ ވެކްސިން ފުރަތަމަ ޝިޕްމަންޓު އެންމެ ފުރަތަމަ ލިބުނު ގައުމަކަށް ގާނާ ވެއްޖެއެވެ.
ޑަބްލިއުއެޗްއޯ އިން ގިނަ ގައުމުތަކާ ކޯލިޝަން ހަދައި އުފައްދާފައިވާ ކޮވެކްސް ސްކީމްގެ ދަށުން ގާނާއަށް ވަނީ އެސްޓްރާޒެނެކާގެ 600،000 ޑޯޒް ވެކްސިން ފޮނުވާފައެވެ.
30 މިލިއަން މީހުންގެ އާބާދީގެ ގާނާއިން ވެކްސިން ޕްރޮގްރާމް އަންނަ ހަފުތާގައި ފަށާއިރު އެންމެ ފުރަތަމަ ދިނުމަށް ހަމަޖެހިފައިވަނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށެވެ.
ޑަބްލިއުއެޗްއޯގެ ކޯވެކްސްގެ ދަށުން ދުނިޔޭގެ އެކި ގައުމުތަކަށް ދެ ބިލިއަނަށް ވުރެ ގިނަ ޑޯޒް ގެ ވެކްސިން މިއަހަރު ތެރޭ ފޮނުވުމަށް ވަނީ ނިންމާފައެވެ.
ދުނިޔޭގެ ކުރިއަރާފައިވާ މުއްސަނދި ގައުމުތަކުން ވަނީ ކޮވިޑާ ދެކޮޅަށް އުފައްދާފައިވާ ވެކްސިން ތަކުގެ ގިނަ ޑޯޒްތަކެއް ގަނެ އެގައުމުގެ ރައްޔިތުންނަށް ދޭން ފަށާފައެވެ.
ޑަބްލިއުއެޗްއޯގެ ކޯވެކްސް ވެކްސިންގެ ދަށުން ވެކްސިން ދިނުމުގައި އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ ފަގީރު ގައުމުތަކަށެވެ.