ގަވާއިދާއި ހިލާފަށް ރާއްޖޭގެ އިގްތިސޯދީ ސަރަހައްދަށް ވަދެ އުޅެނިކޮށް އިއްޔެ އަތުލައިގަތް މަސް ބޯޓުގައި އަށް ފަޅުވެރީން އެބަތިބި ކަމަށާއި އެ ބޯޓު މިހާރު ކުޅުދުއްފުށީ ބަނދަރަށް ވައްދާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން އިއްޔެ ބުނީ، ނ. އަތޮޅު ބޮއެގެ އުތުރުން 30 މޭލު ބޭރުން ދާ އަޅައިގެން މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް ހިފަހައްޓާފައިވާ ކަމަށާއި އަދި މިހާރު މި ބޯޓު ކުޅުދުއްފުއްޓަށް ވެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަތުލައިގަތް ބޯޓު އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ރޭ ދަންވަރު ވަނީ ހދ. ކުޅުދުއްފުއްޓަށް ވައްދާފަ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު ބޯޓާއި ގުޅޭ ކަންކަން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާއި ގުޅިގެން ކުރިއަށް ބަލަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ރާއްޖެ އަކީ ދޮށީގެ މަސްވެރިކަން ކުރަމުން އަންނަ ގައުމެއް ނަމަވެސް ދާ އަޅައިގެން މަސް ހިފާ ބޯޓުތައް ރާއްޖެ ސަރަހައްދަށް ވަދެ ދާ އެޅުމަކީ ވަރަށް އާންމު ކަމެކެވެ. އަދި އެކަމުގެ ޝަކުވާ ރާއްޖޭގެ މަސްވެރިން ވަރަށް ގިނައިން ކުރެއެވެ.