ކުޅިވަރު

މެސީގެ ދެ ގޯލާއެކު ބާސާއަށް މޮޅެެއް

ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ޖެހި ދެ ގޯލާއެކު އެޓީމުން އެލްޗޭ މައްޗަށް ކުރި ހޯދައިފިއެވެ.

ސްޕެނިޝް ލަލީގާގައި ރޭ އެލްޗޭއާ ދެކޮޅަށް ބާސާއިން ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން އެޓީމުން ކާމިޔާބު ކޮށްފައިވާއިރު، މެސީގެ އިތުރުން ގޯލް ޖެހީ ޖޯޑީ އަލްބާއެވެ. މިހާތަނަށް ލަލީގާގައި ބާސާއިން ކުޅުނު 24 މެޗުން 50 ޕޮއިންޓް ހޯދާފައިވާއިރު، އެޓީމު އޮތީ ތާވަލުގެ ތިންވަނައިގައެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑުން ރޭ ކުޅުނު މެޗު އެޓީމުން ކާމިޔާބު ކޮށްފައިވާއިރު، އެޓީމުން އޮތީ 24 މެޗުން 52 ޕޮއިންޓާއެކު ދެވަނައިގައެވެ. އެއްވަނައިގައި އެތުލެޓިކޯ މެޑްރިޑު އޮތީ 23 މެޗުން 55 ޕޮއިންޓާ އެކުގައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފް ގޯލެއް ނުޖެހި ނިމިގެން ގޮސްފައިވާއިރު، މެސީ ގޯލް ހުޅުވާލީ 48 ވަނަ މިނެޓުގައެވެ. މާޓިން ބްރައިތުވެއިޓް ފައިގެ ފުންނާބުން ދިން މޮޅު ޕާހަކުން މެސީ ގޯލް ޖެހިއިރު، އޭގެ 20 ވަރަކަށް މިނެޓް ފަހުން މެސީގެ ދެވަނަ ގޯލެއްވެސް ފެނިގެން ދިޔައެވެ. އެ ގޯލަށް ފުރުސަތު ތަނަވަސް ކޮށްދިނީ ނެދަލޭންޑްގެ މިޑްފީލްޑަރު ފްރޭންކް ޑިޔޯންގެވެ.

މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގައި ބާސާއިން ކުޅުނު މެޗުގައި ޕީއެސްޖީއަތުން ބޮޑު ބައްޔެއް ވެ، އެޓީމު މާޔޫސްވެފައި އޮތްއިރު، ރޭގެ މެޗުން މޮޅުވެ ބާސާއިން ވަނީ އަނެއްކާވެސް ހިތްހަމަ ޖެހިލައިފައެވެ. މެޗުގެ ތިންވަނަ ގޯލް އަލްބާ ޖަހައިދީފައިވާއިރު، ރޭގެ މެޗުގައި މެސީ ޖެހި ދެގޯލާއެކު އޭނާ ވަނީ ލަލީގާގެ ގޯލް ލިސްޓުގެ އެއްވަނައަށް އަރާފައެވެ. ޖުމުލަ 18 ގޯލް މެސީ މި ސީޒަނުގެ ލީގުގައި ޖަހާފައިވާއިރު، އެންމެ ގާތުން ވާދަކުރާ ލުއިޒް ޝުއަރޭޒަށް ޖެހިފައި ވަނީ 16 ގޯލެވެ.