މާލޭގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން ޑްރައިވަރު، އާމިނަތު ވަހީދާ (އައިންތު)ގެ ކާރަށް ގެއްލުން ދިން މީހާ 21،000 ރުފިޔާ އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ޑުރަގް ކޯޓު ކުރިމަތީގައި ޕާކުކޮށްފައި އޮއްވައި އައިންތުގެ ކާރުގެ ބިއްލޫރިގަނޑު ތަޅާލާފައިވަނީ މިދިޔަ އޮކްޓޯބަރު 27 ވަނަ ދުވަހުގެ ރޭ ދަންވަރުއެވެ. އެ މައްސަލައިގައި ދެ މީހަކު އޭރު ހައްޔަރުކުރިއެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ހެކި ނެތުމުން އެކަކުގެ މައްސަލަ ވަނީ އަނބުރާ ފޮނުވާލައިފައެވެ.
އައިންތުގެ ކާރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދީގެން ދައުވާ އުފުލީ ގ. އާފަތިސް/ މުހައްމަދު ހަމްދޫން އަހުމަދުގެ މައްޗަށެވެ. އޭނާ ވަނީ ކޯޓުގައި ކުށަށް އެއްބަސްވެ، އިތުރު މީހަކާ ގުޅިގެން އެ ކާރުގެ ބިއްލޫރިގަނޑު ތަޅާލި ކަމަށް އިއުތިރާފުވެފައެވެ.
ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ ހުސައިން ފާއިޒް ރަޝާދު އިއްވެވި ހުކުމުގައި ވަނީ ހަމްދޫން އެ ކުށަށް އެއްބަސްވެފައިވާތީ އޭނާގެ އިއުތިރާފުން އެ މައްސަލަ ސާބިތުވާ ކަމަށެވެ. އެހެންކަމުން އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ 21،600 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމާ ކަމަށެވެ. އަދި އެ ފައިސާ ތިން މަސް ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން އަންގާ ކަމަށްވެސް ހުކުމުގައިވެއެވެ.
ހަމްދޫންގެ މައްޗަށް ޖޫރިމަނާގެ އަދަބެއް ކަނޑައެޅީ އޭނާގެ ކުށުގެ ރެކޯޑެއް ކުރިން ނެތުމުން އަދަބުގެ ބާވަތް ބަދަލު ކުރުމަށް ފަހު ކަމަށްވެސް ގާޒީ އިއްވެވި ހުކުމުގައިވެއެވެ. ގާނޫނުލް އުގޫބާތުގައި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ އަސާސީ އަދަބަކީ ތިން މަހާއި 18 ދުވަހަށް ޖަލަށްލުމެވެ.
އައިންތު ޓެކްސީ ކުރަން ފެށީ 2017 ވަނަ އަހަރެވެ. އައިންތުގެ ކާރަށް ވަނީ ފަސް ފަހަރަށް ގެއްލުންދީފައެވެ. އައިންތުގެ ކާރަށް އެންމެ ފަހުން ލިބުނު ގެއްލުންތައް މަރާމާތުކޮށްދިނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.
އައިންތުގެ ކާރަށް ތަކުރާރުކޮށް ގެއްލުން ދެމުންދާތީ، އެ މައްސަލަ ވަނީ ކުއްލި މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު