ރާއްޖޭގައި ފްލައިން ސްކޫލެއް ހުޅުވުމުގެ މަސައްކަތް ވިލާ އެއާ އިން ފަށައިފިއެވެ.
ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު މިއަދު "ވަން" އަށް ވިދާޅުވީ ފްލައިން ސްކޫލު ހިންގަން ބޭނުންވާ ހުއްދަތަކަށް ސިވިލް އޭވިއޭޝަނުގައި މިހާރު އެދިފައިވާ ކަމަށެވެ.
އެ ސްކޫލު ހިންގަން ނިންމާފައިވަނީ އދ. މާމިގިލީގައެވެ.
ނާޝިދު ވިދާޅުވީ، ރާއްޖޭގައި ފްލައިން ސްކޫލެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. ނަމަވެސް ކޮވިޑާ ހެދި ލަސްތަކެއް ކުރިމަތިވެ، އަލުން އެ މަސައްކަތް ފަށައިގަނެވުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މެއި މަހަށް ހުއްދަތަކާ އެއްޗެހި ލިބޭ ވަރަށް މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ޓާގެޓްކޮށްގެން މި ގެންދަނީ،" ނާޝިދު ވިދާޅުވިއެވެ.
ފްލައިން ސްކޫލުގައި ކިޔަވައިދޭން ފެށުމަށް މާމިގިލީގައި ޓްރެއިނިން ފެސިލިޓީ ގާއިމުކުރުމުގެ މަސައްކަތާއި ކްލާސްރޫމުތައް ހަދައި ދަރިވަރުން ދުއްވާނެ ބޯޓު ހޯދައި، ހެނގަރުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ނާޝިދު ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތު ހުރި ހަމައެކަނި ފްލައިން ސްކޫލު، އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ހިންގަނީ އައްޑޫގައެވެ. ނަމަވެސް އޭއޭއޭގެ ކޯސްތައް ދިގުލައިގެން ދިއުމަކީ ގިނަ ދަރިވަރުންގެ ކަންބޮޑުވުމެކެވެ. އެ އެކަޑަމީގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ވެސް އަންނަނީ ބަލަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު