ތ. ވޭމަންޑޫ އިންޖީނުގޭގައި އަލިފާން ރޯވެ ހުރިހާ އިންޖީނެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، މުޅި ރަށުން ކަރަންޓު ކެނޑިއްޖެ އެވެ.

ވޭމަންޑޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަން އެ ރަށު ކައުންސިލުން ވަނީ "ވަން" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

ވޭމަންޑޫ އިންޖީނުގެ ހިންގަމުންދާ ފެނަކަ ކޯޕަރޭޝަނުން ބުނީ، އިންޖީނުގޭގައި ކުއްލިގޮތަކަށް އަލިފާނުގެ ހާދިސާއެެއް ހިނގައި، ބޭނުންނުކުރެވޭ ވަރަށް އިންޖީނުތައް އެނދުމާ ގުޅިގެން އެރަށުގެ ކަރަންޓުގެ ހިދުމަތް ވަގުތީގޮތުން މެދުކެނޑިފައިވާ ކަމަށެވެ. އަދި ކަރަންޓުގެ ހިދުމަތް ވީއެންމެ އަވަހަށް އިއާދަކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފެނަކައިން ވަނީ ބުނެފަ އެވެ.

އެ ރަށުގެ ކައުންސިލުންނާއި ރަށުގެ ރައްޔިތުން ނުކުމެ އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާތީ އިތުރު ތަފުސީލު ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ވަނީ ބުނެފަ އެވެ.