ކުޅިވަރު

ޖިރޫގެ ހިތްގައިމު ގޯލާއެކު ޗެލްސީން އެތުލެޓިކޯ ބަލިކޮށްފި

ފްރާންސްގެ ފޯވަޑް އޮލީވިއާ ޖިރޫ ޖެހި ހިތްގައިމު އޯވާހެޑް ގޯލާއެކު ޗެލްސީން ރަށުން ބޭރުގައި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، ކުއާޓާ ފައިނަލްގެ އުންމީދު ބޮޑު ކޮށްފިއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރޮމޭނިއާގެ ބުޗަރެސްޓްގައި ޗެލްސީން އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗުން، އެޓީމު މޮޅުވީ 1-0ގެ ހަނި ނަތީޖާއަކުންނެވެ. މިވަގުތު ޔޫރަޕްގައި އެންމެ ފޯމް ރަނގަޅަށް އޮތް އެއް ޓީމު ކަމަށްވާ އެތުލެޓިކޯ ކައިރިން ޗެލްސީ ހޯދި މޮޅާއެކު އެޓީމުން ކުއާޓާގެ އުންމީދު އާކޮށްފައިވާއިރު، 2013-14 ވަނަ އަހަރުގެ ސީޒަނަށްފަހު ޗެލްސީއަށް ކުއާޓާއަށް ދެވިފައެއް ނުވެއެވެ.

ރޭގެ މެޗުގައި އެތުލެޓިކޯގެ ފަރާތުން ޑިފެންސިވް ވަރުގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ޗެލްސީގެ ފަރާތުން ފެނުނީ ޕޮސެޝަން ހިފަހައްޓައިގެން ކުޅުނު ތަނެވެ. ޗެލްސީން ގިނަ ޕާސްތައް ޖަހައި، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، އެތުލެޓިކޯގެ ވަރުގަދަ ޑިފެންސް ލައިން ފޫއަޅުވާލައި ގޯލަށް ހަމަލާއެއް އަމާޒުކޮށްލެވުނީ މަދު ފަހަރަކުއެވެ.

އަވަސް ޕާސްތަކަކާއެކު ޗެލްސީން އެޓޭކް ކުރަން ކުރި ގިނަ މަސައްކަތްތައް ފެނަށް ދިޔައީ އެންމެ ފަހުވަގުތު ޖަހަން ޖެހޭ ޕާސް ގޯސްކޮށް ދިޔުމުންނެވެ. ޓީމޯ ވާނާގެ ފަރާތުން ފުރަތަމަ ހާފުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފެނުނުއިރު، ހަނި ފުރުސަތެއްގައި އޭނާ ފޮނުވާލި ހަމަލާ މަތަކޮށް ބޭރުކޮށްލީ ގޯލްކީޕަރު އޮބްލަކެވެ. އެތުލެޓިކޯއިން ކައުންޓާގައި ނުރައްކާ ކޮށްފައިވާއިރު، ޗެލްސީގެ ގޯލަށް ހަމަލާއެއް ފޮނުވައިނުލެވުނު ނަމަވެސް، އެތުލެޓިކޯއިން ވަނީ ކުރިއަށް ޖެހި ޗެލްސީގެ ޑިފެންސް ލައިނުން ގޯސްތައް ހައްދުވަން މަސައްކަތް ކޮށްފައެވެ. ބައެއް ގޯސްތައް ފެނުނު ނަމަވެސް، އެތުލެޓިކޯގެ ފޯވަޑް ލައިނަށް އެ ފުރުސަތުތަކުގައި ބޭނުން ކުރެވިފައެއް ނުވެއެވެ.

މެޗުގެ 68 ވަނަ މިނެޓުގައި ޗެލްސީން ލީޑު ނަގާފައިވާއިރު، އެ ގޯލަކީ އޭރިއާ ތެރެއިން ޖިރޫ ޖެހި އޯވަހެޑެކެވެ. ޖިރޫގެ ގޯލް އޮފްސައިޑް ކަމަށް ފުރަތަމަ ރެފްރީ ނިންމި ނަމަވެސް، ދެތިން މިނެޓް ވަންދެން ވީއޭއާރްގެ އެހީގައި ބެލުމަށްފަހު ރެފްރީ އެ ގޯލް ސައިޑް ނޫން ކަމަށް ނިންމީ، ޖިރޫއަށް ބޯޅަ ލިބިފައި ވަނީ އެތުލެޓިކޯގެ ޑިފެންޑަރު މާރިއޯ ހާމޯސޯ ފައިގައި ޖެހިފައި ކަމަށް ވާތީއެވެ.

ސްޕެނިޝް ލަލީގާގެ ޓޮޕް ސްކޯރާގެ މަގާމުގައި ހުރި ލުއިސް ޝުއަރޭޒް އާއި އެތުލެޓިކޯ ފޯވަޑް ލައިނަލަށް ކުޅުނު ޖާއޯ ފެލިކްސް ހިފެހެއްޓުމުގައި ޗެލްސީގެ ޑިފެންސުން ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު، މެޗުގައި ޗެލްސީއަށް މާޔޫސް ކަމަކަށް ކުރިމަތިވީ މޭސަން މައުންޓާއި ޖޯޖީނިއޯއަށް ދެއްކި ރީނދޫ ކާޑެވެ. އެ ދެކުޅުންތެރިންނަށްވެސް ދެ ރީނދޫ ކާޑު ހަމަވެ، ދެވަނަ ލެގުގައި ނުކުޅެވޭނެއެވެ.

ދެވަނަ ލެގު މާޗު 18 ވަނަ ދުވަހު ޗެލްސީ ދަނޑުގައި އޮންނައިރު، ކޮވިޑުގެ ހާލަތާއި ގުޅިގެން މެޗު ނިއުޓްރަލް ދަނޑަކަށް ބަދަލުކުރަން ޖެހުމަކީވެސް ވެދާނެ ކަމެކެވެ.