ޚަބަރު

ހުޅުމާލޭގައި މެދުފަންތީގެ 355 ހައުސިން ޔުނިޓް އަޅަނީ

އަލީ އަފާފް ރަމީޒު

1

ހުޅުމާލޭގައި 355 މިކްސްޑް ޔޫސް ރެސިޑެންޝަލް ޔުނިޓް އެޅުމަށް ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނީ މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށާއި މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ ޒަމާނީ މާހައުލެއް ގާއިމުކޮށް ގެދޮރުވެރިކަމުގެ ސިޔާސަތު ތަންފީޒުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ. އެގޮތުން މެދު އަދި މަތީފަންތީގެ ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ގިނަ ޕްރޮޖެކްޓްތަކެއް މީގެ ކުރިންވެސް ހުޅުމާލޭގައި ހިންގާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

"ޑިމާންޑަށް އެކަށީގެންވާ ގިނަ ޕްރޮޖެކްޓްތަކެއް ނެރުމަށް މި ކޯޕަރޭޝަންގެ ފަރާތުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 355 ޔުނިޓްގެ މިކްސްޑް ޔޫސް ރެސިޑެންޝަލް ޕްރޮޖެކްޓް އިއުލާން ކުރެވި މިހާރުވަނީ 300 ޔުނިޓް އެޅުމަށް އިއުލާންކުރެވި ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ތިން ކުންފުންޏަކާ ކޮންޑިޝަނަލް ސިޓީގައި ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފުރުސަތުދެވިފައި،" އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިތަކަކީ ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން (އާރުސީސީ) (11443 LOT) ސާސް.އީ އާއި ގްލަޓް ޖޮއިންޓް ވެންޗާ (11445 LOT) އަދި އެސްޖޭ ކޮންސްޓްރަކްޝަން (10958 LOT) ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ ބާކީ 55 ޔުނިޓް ތަރައްގީ ކުރާނެ ފަރާތެއް ހޮވުމުގެ އިވެލުއޭޝަން މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ކޮންޑިޝަނަލް އެވޯޑް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އެޗްޑީސީން ބުނީ މި މަޝްރޫއު ވެގެން ދާނީ މިގޮތަށް އިމާރާތް ކުރެވޭ، އާންމުނަށް އެންމެ ކުޑަ އަގުގައި ހުޅުވާލެވިގެންދާނެ ފަހަރު ކަމަށާއި އެކަން ކަށަވަރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން އާންމުކޮށް ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް އަމިއްލަ ފަރާތްތަކަށް ދިނުމުގައި ގެންގުޅޭ އުސޫލަށް ބަދަލުތަކެއް ވަނީ ގެނެވިފައެވެ.

ކޮންމެ ޕްރޮޖެކްޓަކުންވެސް 60 ޕަސެންޓް ޔުނިޓް ވިއްކުމަށް ކަނޑައެޅޭ އެންމެ ކުޑަ އަގަށް އިމާރާތްކުރާ ކުންފުނިން އުނި އިތުރު ނުގެނައުމަށް އެންގިފައިވާއިރު އިތުރު ފީއެއް ނުވަތަ އެޑް އޮންގެ ގޮތުގައި އެއްވެސް އިތުރު ފައިސާއެއް ނަގާނަމަ ޔުނިޓް ގަންނަ އާންމު ފަރާތުގެ އެއްވެސް އިއުތިރާޒެއް ނެތް ކަމުގެ ފޯމެއްގައި ސޮއިކުރުމަށް ވެސް ކަނޑައަޅާފައިވާ ކަމަށެވެ. އަދި މިގޮތަށް މިކަން ކުރުމުން ބައެއް ހާލަތްތަކުގައި އިތުރަށް އެޑްއޮންގެ ގޮތުގައި ނެގޭ ފައިސާ ނެގުން ހުއްޓުމަކަށް އައިސް، އަތްފޯރާފަށުގައި ރަނގަޅު ފެންވަރުގެ ބޯހިޔާވަހިކަމުގެ ފުރުސަތު އާންމު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަންގެ ފަރާތުން ޔުނިޓްތައް ވިއްކުމަށް ހުށަހަޅާފައިވަނީ އަކަފޫޓަކަށް 1،800 ދިވެހި ރުފިޔާއެވެ. އަދި އެސްއޭއެސްއީ އާއި ގްލަޓް ޖޮއިންޓް ވެންޗާ އިން ހުށަހަޅާފައިވަނީ އަކަފޫޓަކަށް 2,185 ދިވެހި ރުފިޔާއެވެ. މީގެ އިތުރުން އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހަޅާފައިވަނީ އަކަފޫޓަކަށް 1,987 ދިވެހި ރުފިޔާއެވެ.

މިއީ މިހާތަނަށް މި ކެޓަގަރީން ހައުސިން ޔުނިޓް ވިއްކުމަށް ހުށަހަޅާފައިވާ އެންމެ ކުޑަ އަގުތައް ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ ކޮންޑިޝަނަލް ސިޓީގައިވާ ކަންކަން ފުރިހަމަ ކުރުމަށްފަހު މާޗު މަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށާއި މި ފުރުސަތުގެ ދަށުން އިމާރާތް ކުރެވިގެންދާ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓް ވެގެންދާނީ ރަނގަޅު ފެންވަރެއްގައި ގިނަ ހިދުމަތްތަކާ އެކު އަތްފޯރާފަށުގައި ހުޅުވާލެވިގެން ދާނެ މުހިންމު ޕްރޮޖެކްޓްތަކަށް ކަމަށެވެ.