ޚަބަރު

މިވަގުތު އެންމެ ރަނގަޅީ ގައިދުރުކޮށް ތިބެ ޖަމާއަތުގައި ނަމާދުކުރުން: މައުމޫން

އަލީ އަފާފް ރަމީޒު

މި ހާލަތުގައި ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރު ކުރުން މުހިންމު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިގޮތަށް ވިދާޅުވެފައި މިވަނީ މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް އިތުރުވަމުންދާތީއެވެ. އެގޮތުން މިހާރުވެސް 2500 އަށްވުރެ ގިނަ މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ. އަދި މާލެ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދު އުޅެނީ 100 އިން މަތީގައެވެ.

މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތިމާގެ ފުރާނަ އާއި ނަފްސު ރައްކާތެރި ކުރުމަކީ އިސްލާމްދީން އެންމެހާ މުސްލިމުންގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަމަށެވެ. ކޮވިޑް ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ކަމަށް ސިއްހީ މާހިރުން ލަފާދޭ ކަންތައް ކުރުން މި ހާލަތުގައި ލާޒިމު ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

"ވީމާ މިވަގުތު ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރު ކުރުން މުހިންމު،" ދީނީ އިލްމުވެރިޔާ މައުމޫން ވިދާޅުވިއެވެ.

މީގެ ކުރިންވެސް ވަނީ ޖަމާއަތުގައި ނަމާދުކުރާއިރު، ގައިދުރުކޮށްގެން ތިބެ ނަމާދު ކުރާ ގޮތަށް ހަދައިފައެވެ. އަދި ކުރިން ވަނީ ކޭސްތައް އިތުރުވުމާ ގުޅިގެން މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުންވެސް ހުއްޓާލައިފައެވެ.

މިފަހަރުވެސް އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން އިލްމުވެރިން ވަނީ މަޝްވަރާކޮށްފައެވެ. ނަމަވެސް ގައިދުރުކޮށް ތިބެ ޖަމާއަތުގައި ނަމާދުކުރުމަށް ބައެއް އިލްމުވެރިން ވަނީ ދެކޮޅު ހަދައިފައެވެ. އެކަމާ ގުޅިގެން އިލްމުވެރިންގެ މެދުގައި ވަނީ ހިޔާލުތަފާތުވުންވެސް އުފެދިފައެވެ.

ރާއްޖޭގައި ކޮވިޑުގެ ތިންވަނަ ރާޅު މިހާރު އަރާފައިވާއިރު، މިއީ މިހާތަނަށް ރާއްޖޭގައި ކޮވިޑުގެ ހާލަތު އެންމެ ގޯސްވި ފަހަރެވެ. ހަމައެކަނި މި މަހުގެ މިހާތަނަށް 3000 އަށްވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. އަދި މި ބަލީގައި މި މަހު އަށް މީހަކު ވަނީ މަރުވެފައެވެ.