ޚަބަރު

ވެކްސިން ޖެހުމަށް ބޭނުންވާ އެއްލައްކަ ސިރިންޖު ރާއްޖެއަށް ލިބިއްޖެ

މުއާވިޔަތު އަންވަރު

ކޮވިޑް-19 ވެކްސިން ޖެހުމަށް ބޭނުން ކުރާ އެއްލައްކަ ސިރިންޖު މިއަދު ރާއްޖެ އަންނާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ކޮވިޑް-19ގެ ކަންކަން ބަލަހައްޓަމުން އަންނަ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ މިއަދު އެއްލައްކަ ސިރިންޖު ލިބެނީ ޑަބްލިއުއެޗްއޯގެ ކޮވެކް ފެސިލިޓީގެ ދަށުން ކަމަށެވެ. އަދި ވެކްސިންގެ އެއްވެސް ޑޯޒެއް މިއަދު ނުލިބޭ ކަމަށް ވެސް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި މިހާރު ދެމުން އަންނަނީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އެ ވެކްސިނަކީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުގައި އުފައްދާ އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ވެކްސިނެކެވެ. އެންމެ ފުރަތަމަ އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކުރީ އެ ވެކްސިންގެ އެއްލައްކަ ޑޯޒެވެ. އަދި އިތުރު އެއްލައްކަ ޑޯޒް މި ހަފުތާ ތެރޭގައި ރާއްޖެއަަށް ވަނީ ލިބިފަ އެވެ. އެއީ ވެސް އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިންތަކެކެވެ.

މިމަހުގެ އެކަކުން ފެށިގެން މިހާތަނަށް 80،000 އަށްވުރެ ގިނަ މީހުންނަށް، ރާއްޖޭގައި ވަނީ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ.

ކޮވިޝީލްޑް ވެކްސިން ބޭނުންކުރުމުގެ އެމަޖެންސީ ހުއްދައެއް ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ވެސް މިހާރު ވަނީ ދީފައެވެ.