އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ނުވަތަ އައްޑޫ ފަލްއިން ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިބައިން ނިގުޅައިގަނެފައިވާ ހައްގުތަކާއި އެ ދަރިވަރުންނަށް މާލީ ގޮތުން ލިބިފައިވާ ގެއްލުންތަކުގެ ބަދަލު ހޯދައި ދިނުމަށް ގޮވާލައި ހުށަހެޅި ރިޕޯޓު މަޖިލީހުން ފާސްކޮށްފި އެވެ.
އައްޑޫ ފްލައިން ސްކޫލުގައި ތަމްރީނު ފުރިހަމަކުރަމުން އަންނަ ދަރިވަރުންގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުން އެކަމުގައި އެތައް އަހަރެއް ހޭދަކުރަން ޖެހިފައިވުމާއި ބައެއް ދަރިވަރުން ސްކޫލުން ވަކިކުރާކަމުގެ މައްސަލަތައް ވަނީ މިފަހުން ފެންމަތިވެފަ އެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ރިޕޯޓަކީ ފްލައިން ސްކޫލުގެ ގިނަ އަދަދެއްގެ ދަރުވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ މެންބަރުން އައްޑޫ ފްލައިން ސްކޫލަށް ޒިޔާރަތްކޮށް، އެތަނުގެ ހާލަތާއި ދަރިވަރުންނާއި ބައްދަލުކުރުމަށް ފަހު އެކުލަވާލި ރިޕޯޓެކެވެ. އެ ރިޕޯޓް ފާސްކޮށްފައިވަނީ 46 މެންބަރުންގެ އިއްތިފާގުންނެވެ.
އެ ރިޕޯޓުގައި ޖުމުލަ ފަސް ކަމެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ފްލައިން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރުމަށް ހުރަސް އެޅިފައިވާތީ، ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރުމަށް މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އެޅުމަށާއި ދަރިވަރުންގެ ކިބައިން ނިގުޅައިގަނެވިފައިވާ ހައްގުތަކާއި އެ ދަރިވަރުންނަށް މާލީ ގޮތުން ލިބިފައިވާ ގެއްލުންތަކުގެ ބަދަލު އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސްގެ ކިބައިން ދަރިވަރުންނަށް ހޯދައިދިނުމަށް ހުށަހަޅާފައިވެ އެވެ.
އޭގެ އިތުރުން ފްލައިން ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިބައިން ނިގުޅައިގަނެފައިވާ ހައްގުތަކާމެދު ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވައި އެފަރާތްތަކާ މެދު ސަރުކާރުން ފިޔަވަޅު އެޅުމަށާޢި ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި އެފަދަ އިންސްޓިޓިއުޓުތައް ހިންގުމުގެ ހުއްދަ ދޭން ޖެހޭނީ، ހަރުދަނާ ގަވާއިދުތައް ހެދުމަށްފަހު އެ ގަވާއިދުތަކުގެ ތެރެއިން ކަމަށް ނިންމުމަށް ވެސް ހުށަހަޅާފައިވެ އެވެ.
އަދި ސަރުކާރުގެ ކަމާ ގުޅޭ ފަރާތްތަކުން ރާއްޖޭގައި އެފަދަ ފްލައިން ސްކޫލެއް ހިންގޭނެ މަގުވީ އެންމެ އަވަހަކަށް ފަހިކޮށްދިނުމަށް ވެސް ކޮމިޓީގެ ރިޕޯޓުގައިވެ އެވެ.
އައްޑޫ ފްލައިން ސްކޫލުގެ މައްސަލަ ބޮޑުވެ ގިނަ ކަންތައްތަކެއް އިސްލާހު ކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީންނާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެ ސްކޫލަށް ވަނީ އަންގައިފަ އެވެ. އެގޮތުން އެ ސްކޫލުން ކަނޑާލުމަށް ނޯޓިސް ދީފައިވާ ހުރިހާ ދަރިވަރުންގެ ނޯޓިސް ބާތިލުކުރުމަށް އެ ސްކޫލަށް ވަނީ އަންގައިފަ އެވެ.
އެ ސްކޫލުގެ ދަރިވަރުންގެ ޖަމިއްޔާ އިން ބުނެފައިވަނީ، އެކި ގޮތްގޮތުން ދަރިވަރުންނަށް ދަތިކުރުމުގެ ކަންތައް އެތަނުން ކުރަމުންގެންދާ ކަމަށާއި ސަރުކާރުގެ މުއައްސަސާތަކުން ކުރާ އަމުރުތަކަށް ވެސް އެ ސްކޫލުގެ މެނޭޖުމަންޓުން ބޯނުލަނބާ ކަމަށެވެ.