ހިޔާ މަޝްރޫއުގެ ދަށުން ނިމިދިޔަ ސަރުކާރުން ހަދަން ނިންމި އެއް ކޮޓަރީގެ ފުލެޓުތަކަށް މި ސަރުކާރުން ކަންކުރި ގޮތުގެ ތަފުސީލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމު މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިގަނެ، ބަހުސް ފަށައިފި އެވެ.
އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް 44 މެންބަރުން ވޯޓު ދެއްވި އިރު ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.
ޝިޔާމް ހުށަހެޅުއްވި އެ މައްސަލައިގައި ބުނެފައިވަނީ، ޕީޕީއެމްގެ ސަރުކާރުން ނިންމާފައިވަނީ ކުންފުނިތައް މެދުވެރިކޮށް ހަދާ ފުލެޓްތަކުގެ ފުރަތަމަ ހަތަރު ފަންގިފިލާ އެއް ކޮޓަރީގެ އެޕާޓްމެންޓުތަކަށް ހާއްސަ ކުރުމަށް ކަމަށާއި ނަމަވެސް މި ސަރުކާރުން އެ ފުލެޓްތަކަށް ހެދި ގޮތް ނޭނގޭ ކަމަށެވެ. އަދި ސަރުކާރުން އެ ފުލެޓްތައް ވިއްކަމުން އަންނަ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
ހިޔާ މަޝްރޫއުގެ އަލަތު ކައިވެނި ކެޓަގަރީ ހިމެނޭ ގޮތަށް ތިން ކެޓަގަރީއެއް އުވާލައި ފޯމުތައް ބާތިލުކުރަން މި ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ތިން ކެޓަގަރީއަކުން ފުލެޓް ނުދިނުމަށް ނިންމައި ސަރުކާރުން ގެޒެޓް ކޮށްފައިވާ އިއުލާނުގައި ބުނީ ފުލެޓް ލިސްޓުން އުވާލަން ނިންމާފައިވަނީ H11 (އަށާރަ އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ އެއް ކޮޓަރީގެ އެޕާޓްމަންޓް)، H13 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ހާއްސަ އެއް ކޮޓަރީގެ އެޕާޓްމަންޓް) އަދި H15 (އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ހާއްސަ އެއްކޮޓަރީގެ އެޕާޓްމަންޓް) ކަމަށެވެ.
އިއުލާނުގައި ބުނީ 2018 ވަނަ އަހަރު ހިޔާ މަޝްރޫއަށް އިއުލާނުކުރި އިރު، އެ މަޝްރޫއުގެ ކެޓަގަރީތަކުގެ ތެރެއިން އެއް ކޮޓަރީގެ ކެޓަގަރީތަކަށް (H11 އިން H15 އަށް) ފުލެޓް ދޫކުރުމަށް ހަމަޖައްސާފައިވަނީ ހުޅުމާލޭ ފޭސް ދޭއްގައި ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އެއް ކޮޓަރީގެ ބައެއް ފުލެޓްތައް ސަރުކާރަށް ގަތުމަށްފަހުގައި ކަމަށެވެ.
އެގޮތުން ސަރުކާރުން ގަތުމަށް ލިބެން ހުރި ފުލެޓްތަކާ ބެހޭ މައުލޫމާތު، ހުޅުމާލެ ފޭސް ދޭއްގައި ޓަވަރުތައް ހެދުމުގެ މަސައްކަތް ކުރިއަށްގެންދާ ކުންފުނިތަކުން ހޯދާފައި ކަމަށާއި މިނިސްޓްރީއަށް ލިބުނު މައުލޫމާތުތަކަށް ބިނާކޮށް ސަރުކާރުން ގަތުމަށް ލިބެން ހުރީ ހަމައެކަނި މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން ސަރުކާރަށް އެލޮކޭޓް ކޮށްފައިވާ 36 ފުލެޓްކަމުގައި ވެސް އިއުލާނުގައިވެއެވެ.
އެހެންކަމުން މިހާރު ސަރުކާރަށް ގަތުމަށް ލިބެން ހުރި 36 ފުލެޓް، ހިޔާ މަޝްރޫއަށް ހުށަހަޅާފައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ އެއް ކޮޓަރި ކެޓަގަރީއަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އެލޮކޭޓް ކުރުމަށްފަހު، ބާކީވާ ފުލެޓްތައް މާލޭ ރަށްވެހިންނަށް ހާއްސަ އެއް ކޮޓަރި ކެޓަގަރީއަށް އެލޮކޭޓް ކުރުމަށް ސަރުކާރުން ނިންމާފައި ކަމަށެވެ.
ފްލެޓުތަކުގެ މައްސަލަ އަލުން ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ފުލެޓު ކޮމިޓީން އެ މައްސަލަ އަލުން ބެލުމަށް ފަހު ހިޔާ މަޝްރޫއުގެ އަށް ކެޓަގަރީ އަކުން ދާއިމީ ލިސްޓު މިހާރު ވަނީ އިއުލާންކޮށްފައެވެ. އެއީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީ، ޓީޗަރުންގެ ކެޓަގަރީ، މާލޭ ރަށްވެހިންނަށް ހާއްސަ ކެޓެގަރީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކެޓަގަރީ، މާލޭގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ މީހުންނަށް ހާއްސަ ކެޓަގަރީ، އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ ކެޓަގަރީ، ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ކެޓަގަރީ އަދި ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަ ކެޓަގަރީގެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު