އެފްއޭއެމް

ކްލަބުތަކުގެ ފަރިތަކުރުންތަކަށް ހުއްދަ ދެނީ!

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުގެ ފަރިތަކުރުންތަކަށް ހުއްދަ ދޭން އުޅޭކަމުގެ އިޝާރާތެއް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެއްވައިފިއެވެ.

ބައްސާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިސްވެރިން، އަދި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާ ބައްދަލުރައްވާފައިވާ ކަމަށާއި ވަރަށް އަވަހަށް ކްލަބުތަކުގެ ފަރިތަކުރުންތަކަށް އާ ގައިޑްލައިނަކާއެކު ހުއްދަ ދޭނެ ކަމަށެވެ.

ރާއްޖެއިން ކޮވިޑް 19ގެ އާ ވޭރިއަންޓެއް ފެނި، ކޮވިޑުގެ ތިންވަނަ ރާޅެއް އައުމާއެކު މާލެ ސަރަހައްދުގެ ހުރިހާ ކުޅިވަރު މުބާރާތްތައް ހުއްޓާލަން އެޗްޕީއޭ އިން ވަނީ އަންގައިފައެވެ. އެ އެންގުމާއެކު ރާއްޖޭގެ ފުޓުބޯޅަވެސް އަނެއްކާ ހުއްޓުމަކަށް އައިސް، ދިވެހި ޕްރިމިއާ ލީގާއި ތިންވަނަ އަދި ދެވަނަ ޑިވިޝަންވެސް މުއްދަތެއް ނެތް ގޮތަށް ފަސްވެގެން ގޮސްފައިވެއެވެ. މިދިޔަ ސީޒަންވެސް މެދުތެރެއިން ހުއްޓާލައި، ކެންސަލް ކުރަން ޖެހިފައި އޮތް އޮތުމުން ކްލަބުތަކަށް ހަމަ ނޭވާއެއް ނުލެވިގެން އުޅެނިކޮށް، ލީގު އަލުން ހުއްޓާލުމާއެކު ހުރިހާ ކްލަބުތަކާއި ކުޅުންތެރިން، އަދި ކޯޗުންވެސް ވަނީ އެކަމުގައި ބޮޑެތި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކްލަބުތަކާއި ކުޅުންތެރިން، އަދި ކޯޗުންވެސް ފުޓުބޯޅަ ހުއްޓާލުމުން ދިމާވާ ދަތިތައް ހާމަކޮށް، މީޑިއާއަށް މައުލޫމާތުވެސް ދީފައިވާއިރު، ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުން ރައީސް ސޯލިހާ ބައްދަލުކޮށް، ދަތިތައް ހިއްސާ ކޮށްފައިވެއެވެ. ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ކްލަބުތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އޭގެ ފަހުން ލީގު އަލުން ފެށޭނެ ގޮތެއް ހޯދުމަށް އެފްއޭއެމް އާއި ޔޫތު މިނިސްޓްރީން ވެސް މަސައްކަތްތަކެއް ކޮށްފައިވާ އިރު، މިހާރު ވަނީ ހުރިހާ ކްލަބެއްގެ އޮފިޝަލުންނާއި ކުޅުންތެރީންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމާލައިފައެވެ.