މިހާރުވެސް ރާއްޖޭގެ ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގައި ރާއްޖޭން ބޭރުގެ ސިފައިން އެބަތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މާލެ އަތޮޅު އުތުރު ތިލަފަޅުގައި އެމްއެންޑީއެފުގެ ކޯސްޓްގާޑުގެ ބަނދަރަކާއި ސާވިސް ޑޮކްޔާޑެއް ތަރައްގީ ކުރުމަށް އިންޑިއާ ސަރުކާރާއެކު އެއްބަސްވެފައިވަނީ އެތަނުގައި އިންޑިއާ ސިފައިން ތިބޭ ގޮތަށް ކަމަށް ބުނެ، އެކަމާބެހޭ އެއްބަސްވުން ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައާ ގުޅިގެން ވާހަކަދައްކަވަމުންނެވެ.

އެ ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމެވެ.

އެކަމާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، މިހާރުވެސް ބޭރުގެ އެތައް ސިފައިންނެއް އެމްއެންޑީއެފްގައި އެބަތިބި ކަމަށާއި، އެއީ 1988 ވަނަ އަހަރުން ފެށިގެން ކަން ހިނގާ ގޮތް ކަމަށެވެ. އަދި އެމީހުންނަކީ، ރާއްޖޭގެ އަސްކަރިއްޔާ ތަމްރީނު ކުރުމަށް ތިބި ބައެއް ކަމަށްވެސް ވިދާޅުވިއެވެ.

"މިހާރުވެސް އެމްއެންޑީއެފްގައި ބޭރުގެ ސިފައިން އެބަތިބި. މިހާރުވެސް އެބަތިބި އެތައް ސިފައިންނެއް. އެބޭފުޅުން، އެ ބޭރުގެ ސިފައިން 88 ވަނަ އަހަރުއްސުރެ ފެށިގެން މިތާ އެތިބެނީ ދިވެހިރާއްޖޭގެ އަސްކަރިއްޔާ ތަމްރީނުކުރުމަށް. އިނގިރޭސި ސިފައިން އެބަތިބި، އެމެރިކާ ސިފައިން ވެސް އެބަތިބި، އިންޑިއާ ސިފައިންވެސް އެބަތިބި އަދި ބައެއްފަހަރަށް މިހާރު ސައުދީ އަރަބިއްޔާގެ ސިފައިން ވެސް އައިސް ތިބޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އުތުރު ތިލަފަޅު ތަރައްގީ ކުރުމުގެ އެގްރީމެންޓް އިންޑިއާއާއެކު ދިވެހި ސަރުކާރުން ހަދާފައި ވަނީ، ގާނޫނުއަސާސީއާ ހިލާފަށްކަން ފާހަގަކުރައްވައި، މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ޝިޔާމު ވިދާޅުވީ، 251 ވަނަ މާއްދާގެ (ނ) ގައިވާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތު ލިބިގެން މެނުވީ ރާއްޖޭން ބޭރުގެ ފަރާތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ދީގެން ނުވާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، އުތުރު ތިލަފަޅުގެ އެއްބަސްވުމަކީ އެފަދަ އެއްބަސްވުމެއް ނޫން ކަމަށާއި، އެ އެއްބަސްވުމަކީ މަޖިލީހަށް ގެންނަންޖެހޭ އެއްބަސްވުމެއް ނޫން ކަމަށެވެ.