ދިވެހިރާއްޖެ އިޝްތިހާރު ކުރުމަށް އިންޑިއާގެ ނޫސްވެރިންގެ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

ވިޒިޓް މޯލްޑިވްސް އިން ފަށާފައިވާ ފެމެލިއަރައިޒޭޝަން ޓްރިޕްގައި އިންޑިއާގެ ނޫސްވެރިންގެ ޓީމުން ރާއްޖެއަކީ ފަތުރުވެރިން ޒިޔާރަތްކުރުމަށް އެންމެ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރާނެއެވެ.

އިންޑިއާގެ ނޫސްވެރިންގެ ޓީމުން ރާއްޖޭގައި ފަތުރުވެރިންނަށް ލިބެން ހުންނަ ތަފާތު ހިދުމަތްތައް ތަޖުރިބާކޮށް އެ ހިދުމަތްތަކާ ގުޅޭގޮތުން ހަބަރުތައް ޝާއިއުކުރާނެއެވެ.

ދަތުރުގައި ބައިވެރިވަނީ އިންޑިއާގެ މަޝްހޫރު ނޫސްމަޖައްލާތަކުގެ ނޫސްވެރިންނެވެ. އޭގެތެރޭގައި ދަ ޕައިނިޔާ، ސަންޑޭ ގާޑިއަން، އީޓީ ޓްރެވަލް ވޯލްޑްގެ އިތުރުން ޓީއެމްއެމް މެގަޒިން އާއި ސްޕުޓްނިކް ނިއުސް ހިމެނެއެވެ. ޖުމްލަ ފަސް އެޑިޓަރުން ހިމެނޭ އެޓީމުން ރާއްޖޭގައި ފަސްދުވަސް ހޭދަކުރާނެ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ. އިންޑިއާގެ ނޫސްވެރިންގެ ޓީމު ރާއްޖޭގައި ތިބޭނީ ކަގި މޯލްޑިވްސް އަދި އެމެރަލް މޯލްޑިވްސްގައެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.